ބައެއް ގައުމުތަކުގެ ނުފޫޒު ވަރުގަދަކުރުމަށް ކޮވިޑް-19 ވެކްސިނަކީ ހާރިޖީ ހަތިޔާރަކަށް ހަދާފައިވާ ކަމަށް އިނގިރޭސި ހާރިޖީ ވަޒީރު ޑޮމިނިކް ރާބު ވިދާޅުވެއްޖެއެވެ.

ރޮއިޓާސް އާއި ވާހަކަދައްކަވަމުން ރާބު ވިދާޅުވީ ގައުމުތައް ކޮވިޑް އާލަމީވަބާއިން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ބައެއް ގައުމުތަކުން ނުފޫޒު އިތުރުކުރުމަށް ވެކްސިން ހާރިޖީ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ. ރާބު މިހެން ވިދާޅުވެފައިވަނީ ޗައިނާ އާއި ރަޝިޔާއިން ވެކްސިން ހާރިޖީ ހަތިޔާރަކަށް ހަދައި، ގައުމުތަކުގެ މެދުގައި ނުފޫޒު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާ އާއި ރަޝިޔާއިން ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދެމުން ދަނީ އެގައުމުތަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކަމަށް ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރެއެވެ. އޭނާ ވިދާޅުވީ ގައުމުތަކުން ހާރިޖީ ހަތިޔާރަކަށް ވެކްސިން ހަދައިގެން މަސައްކަތް ކުރަމުންދިޔަ ކަމުގައި ވިޔަސް، އެއީ އިނގިރޭސިވިލާތުން އެއްވެސް ވަރަކަށް ބަލައިގަންނަ އުސޫލުތަކެއް ނޫން ކަމަށެވެ.

އިނގިރޭސިވިލާތުން ގަބޫލުކުރަނީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކަށް ކޯވިޑް ވެކްސިންގެ 1 ބިލިޔަން ޑޯޒު އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުމަށް ޖީ7ން ނިންމާނެއެވެ.

ކޮވެކްސް އިންޓަނޭޝަނަލް ވެކްސިން ފަންޑުން އެއްވެސް ނުފޫޒު ފޯރުވުމުގެ މަގްސަދެއް ނެތި ހަދިޔާ ކޮށްފައިވާ 80 އިންސައްތަ ވެކްސިނާއި ގުޅިގެން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމުގައި ވިޔަސް، ފަގީރު ގައުމުތަކަށް ނުފޫޒުގަދަ ގައުުމުތަކުން ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ވެކްސިން ހަދިޔާ ކުރުމާއި ދެކޮޅުކަން ރާބު ހާމަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެފްރީ

    ކަލޯގެއާ ތިބުނާބީދައިން ކަންތައްކު ރާގައުމު އިންޑިއާގެނަން ލިސްޓުންއުނިކު ރުމަކީ ކަނޑއެޅިގެން ވަކިއަތަކަށްބު ރަވެހު ރެގެން ކު ރިކަމެއްކަމަށްބަލާފަ ރަތްކާޑެއްދޭނަން!!

  2. ްިއިބްރާހީމް

    އިންޑިޔާގެ ނަން އުނިކުރީ އެމެރިކާ އާއި އިޒްރޭލުގެ ނުފޫޒުން.

    2
    2
  3. ދެވަރެންދާ

    ހާއްސަ ކޮށް އިންޑިޔާ މި ކަމުގައި ހަދުފަހަނަ އަޅާފައި