ދުނިޔޭގައި ކޮވިޑް-19 ފެތުރުނު ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް އިނގިރޭސި ވިލާތުގެ ހެލްތު މިނިސްޓަރު މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިހާތަނަށް އައިއިރު، ކޮވިޑް ޖެހުނު މީހުންގެ އަދަދު 176 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ އިރު، މި ބަލީގައި ދުނިޔެ ދޫކުރި މީހުންގެ އަދަދު ވެސް ތިން މިލިއަނަށް ވުރެ މައްޗަށް އަރައެވެ. މި ބަލި ޖެހިގެން މިހާތަނަށް އައިއިރު ރަނގަޅުވެފައި ވަނީ 159 މިލިއަނަށް ވުރެ ގިނަ މީހުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތުގެ ހެލްތު މިނިސްޓަރު މެޓް ހެނޮކް ވިދާޅުވީ ކޮވިޑްގެ ތަހުގީގު ދެ ފުށް ފެންނަ ގޮތަށް ކުރަން ވާނީ ޗައިނާގައި ކަމަށެވެ. ޗައިނާ އިން ހޯދެން ހުރި ހުރިހާ މައުލޫމާތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗައިނާގައި ކުރާ ތަހުގީގުން މިހާރު އުފެދިފައި ހުރި ހުރިހާ ސުވާލުތަކަށް ޖަވާބު ލިބެން ވާނެ ކަމަށެވެ. އެއީ މިހާތަނަށް އައިއިރު އުފެދިފައިވާ ސުވާލުތަކުން އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރިފައި އޮތް ކޮވިޑްގެ ބަލިމަޑުކަން އިނގިރޭސި ވިލާތަށް ވެސް ފޯރާފައިވެއެވެ. އެގޮތުން އިނގިރޭސި ވިލާތުން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 51،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ގައުމުތަކުގެ ތެރެެއިން މިހާރު އެންމެ ބޮޑަށް ކޮވިޑް ފެތުރިފައި އޮތީ އިންޑިއާ އާއި ބްރެޒިލްގައެވެ. އިންޑިއާއަކީ ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ގައުމެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ އިން ބަލި ޖެހުނީ ބްރެޒިލްގައެވެ.

އިންޑިއާ އިން މިހާތަނަށް 29 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި ތިން ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ބްރެޒިލްގައި 17 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ އިން ބަލި ޖެހިފައި ވަނީ އެމެރިކާގައި ތިބި މީހުންނަށެވެ. އެ ގައުމުން 34 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި ހަ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ނަމަވެސް އެމެރިކާގައި ކޮވިޑް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. މީގެކުރިން ދުވާލެއްގެ މައްޗަށް އެތައް ލައްކަ ބަޔަކު ކޮވިޑަށް ފައްސިވި ނަމަވެސް މިހާރު ބަލި ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް މަދެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ރާއްޖެއަށް ކޮވިޑް އެތެރެވީގޮތުގެ ފުރިހަމަ ތަހުގީގެއް ބޭނުންވޭ.ރާއްޖޭގަ ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ ވަނިކޮށް އެއާޕޯތޓުން މާލެއަށް އެތެރެވީގޮްތް ތަހުގީގު ކުރެވެންޖެހޭނެ. އިހުމާލުވި ބަޔަކަށް ދައުވާކުރެވެންޖެހޡޭނެ.