ރަޝިޔާ އާއި އެމެރިކާގެ ގުޅުން މިހާރު ވަރަށް ގޯސް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި މި މަހުގެ 16 ވަނަ ދުވަހު ބައްދަލުކުރެއްވުމަށް ތައްޔާރުވެފައި ވަނިކޮށްށެވެ. ޕޫޓިން ވިދާޅުވީ ދެގައުމުގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ގޯސްވެފައި ނުވާ ވަރަށް މިހާރު ގޯސްވެ ދެގައުމުގެ ދެމެދުގައިވާ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ހީނަރުވެފައިނުވާ މިންވަރަކަށް ހީނަރުވެއްޖެ ކަމަށެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ ރައީސް ބައިޑެން ވިދާޅުވީ ރަޝިޔާ އާއި އެކު ދެބަސްވުމަކަށް ގޮސް، ހައިޖާނެއް އުފައްދަން އެމެރިކާއިން ބޭނުންނުވާ ކަމަށެވެ. ބޭނުންވަނީ ދެގައުމުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް ބާއްވަން ކަމަށާއި ނަމަވެސް ގެއްލުންވާނެ ފަދަ ނޭދެވޭ އަމަލެއް ރަޝިޔާއިން ހިންގާނަމަ، އެމެރިކާއިން އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

ޕޫޓިން އާއި ބައިޑެން ބައްދަލު ކުރައްވަން ހަމަޖެހިފައިވަނީ އަންނަ ހަފުތާގައި ޖެނީވާގައެވެ. ބައްދަލުވުމަށް ފަހު ގުޅިފައިވާ ބަޔާނެއް ނެރެން ހަމަޖެހިފައި ނުވާކަމަށް ވެއެވެ. އާއްމުން ދެގައުމެއްގެ ވެރިން ބައްދަލުކުރައްވައިފިނަމަ އެކުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ބައިޑެން އާއި ޕޫޓިންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަން ހަމަޖެހިފައެއް ނުވެއެވެ.

އެމެރިކާ އާއި ރަޝިއާގެ ގުޅުން އެންމެ ފަހުން ގޯސްވެގެން ދިޔައީ ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީއަށް ވިހައެއް ދީގެން މަރާލަން މަސައްކަތް ކުރުމުގެ ފަހަތުގައި އޮތީ ރަޝިއާގެ ސަރުކާރު ކަމަށް އެމެރިކާ އިން ބުނުމުންނެވެ. ރަޝިއާ ސަރުކާރުން ދަނީ އެތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.

2016 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އައީ ރަޝިއާގެ އެހީތެރިކަން ލިބިގެން ކަމަށް އަބަދުވެސް ޑިމޮކްރަޓިކް ޕާޓީން ތުހުމަތު ކުރެއެވެ. ނަމަވެސް އެތުހުމަތުތައް ވެސް ރަޝިއާ އިން ދޮގު ކުރެއެވެ.

ދެރައީސުން ބައްދަލުވުމަށް ތައްޔާރުވަމުން ދާއިރު ރަޝިއާ އިން އީރާނަށް ވަރަށް ފެންވަރު ރަނގަޅު ޖާސޫސީ ސެޓްލައިޓެއް ވިއްކާފައިވާ ކަމަށް ބުނާ ރިޕޯޓެއް މިދިޔަ ހަފްތާގައި ވަނީ އާއްމުވެފައެވެ. އެއާއިއެކު އެމެރިކާ އާއި އިސްރާއީލްގެ އޮފިޝަލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.