މިއަހަރު ވެސް ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ނުލިބޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފިއެވެ. ނަމަވެސް ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެކި ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މިދިޔަ އަހަރެކޭ އެއްގޮތައް މިއަހަރު ވެސް ދޭނެއެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ވެސް ދެމިލިއަނަނެއްހާ މީހުން ހައްޖުގެ އަޅުކަން އަދާކުރެއެވެ. ނަމަވެސް މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ 60000 މީހުންނަށެވެ.

އަންނަ މަހުގެ މެދުތެރޭގައި ހައްޖު ދުވަސް އަންނާނެއެވެ.

މިއަދު ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީންނާއި ހައްޖާއި ގުޅޭ ކަންކަން ބަލަހައްޓާ މިނިސްޓްރީން ބުނީ ކޮވިޑް-19 ހާލަތު އަދިވެސް ރަނގަޅުވަމުން ނާންނާތީ މިއަހަރު ވެސް އެހެން ގައުމުތަކުގެ މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދޭއިރު އެފުރުސަތު ވެސް ދޭނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ހައްޖު ވުމުގެ ފުރުސަތު ދޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށް އެކަންޏެވެ.

"މިނިންމުން ނިންމާފައި ވަނީ އިންސާނާގެ ސިއްހަތަކީ އެންމެ ބޮޑު ސަމާލުކަން ދޭންޖެހޭ ކަންތައް ކަމަށްވުމުން އިންސާނުންގެ ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިވަގުތު މީނުން އިތުރު ގޮތެއް ނެތުމުން." ހައްޖާއި ގުޅޭ ކަންކަން ނިންމާ ސައުދީގެ މިނިސްޓްރީން ވިދާޅުވިއެވެ.

ހައްޖު މިނިސްޓްރީން ވަނީ މިނިންމުމާއި ގުޅިގެން މުސްލިމް ގައުމުތަކާއި އަދި މުސްލިމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުންނާނެކަން ގަބޫލު ކުރާކަމަށް ބުނެފައެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެކިގައުމުތަކުގެ މީހުންގެ ނިސްބަތުން ބަހާލުމަށް ވަނީ ނިންމާފައެވެ. އެގައުމުގެ ރައްޔިތުންގެ ތެރެއިން 15000 އާއްމު ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދޭނެއެވެ. ދެން ފުރުސަތު ދޭނީ އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށެވެ. މީގެތެރޭގައި އިންޑިއާގެ 5000 މީހުން ހިމެނޭނެ ކަމަށް އިންޑިއާ ސަރުކާރުގެ ބައެއް އޮފިޝަލުން ސައުދީ އަރަބިއްޔާގެ ސަރުކާރާއި ހަވާލާދީ ބުނެފައި ވެއެވެ.

އެހެން ގައުމުތަކުގެ މީހުން ސައުދީ އަށް ދަތުރުކޮށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ނުދޭން ސައުދީ އަރަބިއްޔާ އިން ނިންމި ނިންމުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލުންނާއި ބައެއް އިސްލާމީ ގައުމުތަކުން ވަނީ މަރުހަބާ ކިޔާފައެވެ. ސައުދީ އަރަބިއްޔާގެ ނިންމުން ގަބޫލުކުރާކަން މިހާތަނަށް އިއުލާންކުރި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ އާއި ކުވޭތު ފަދަ ގައުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނީރު

    ކޮބާ މިތާ މިއުޅޭ މާދާިންވެރިކަމަށް ހެދިގެންއުޅޭ މީހުންތައް!

    • ޣޮބު

      ށިޔާސީ މަންފާ އައް އުޅޭ ބައެއް!!

    • ޣޮބު

      ގިނަ މީހުންނަކީ ސިޔާސީ މަންފާއައް އަޑު އުފުލާ ބައެއް.