އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގާލްގެ އެކި ސަރަހައްދުތަކަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހޮނު އެޅުމާ ގުޅިގެން 27 މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހުގްލީއިން 11 މީހަކު މަރުވެ، މުރްޝިދްއާބާދުން ނުވަ މީހަކު އަދި މިޑްނަޕޯއިން ހަތަރު މީހުން މަރުވެފައިވެއެވެ. އަދި މީހޮނު އަޅައިގެން ބަންކުރާއިން ދެ މީހަކާއި ނާޑިއާއިން އެކަކު މަރުވެފައިވެއެވެ. މަރުވި 27 މީހުންގެ އިތުރުން މި ހާދިސާތަކުގައި ގިނަ ބަޔަކަށް އަނިޔާވެފަައިވާ ކަމަށް ރިޕޯޓުތައް ބުނެެއެވެ.

ހޮނު އެޅުމުގެ ސަބަބުން މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މަސައްކަތް ކުުރަމުންދިޔަ މީހުން ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މޫސުމާބެހޭ ތަޖުރިބާކާރު، ސޫޖިބް ކާރު ވިދާޅުވީ ވެސްޓް ބެންގާލްގެ މޫސުން ގޯސުވުމުގެ ސަބަބުން މި ހިނގާ ޖޫން މަހު ހޮނު އެޅުން އިތުރުވެދާނެ ކަމަށެވެެ.

މި ދަނޑިވަޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޔޫނިއަން ހޯމް މިނިސްޓަރ އަމިޓް ޝާހް ވަނީ ހޮނު އެޅުމުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާގެ މެސެޖު ފޮނުވައި އެއިން ކޮންމެ މީހެއްގެ އާއިލާއަށް ދެ ލައްކަ ރުޕީސް ދޭނެ ކަމަށް ވިދާޅުވެފައެވެ.

ޑިޒާސްޓާ މެނޭޖްމެންޓް ޑިޕާޓްމެންޓުން ރައްޔިތުންނަށް އަންގާފައިވަނީ ހޮނު އެޅުމުގެ ސަބަބުން ގެއްލުން ލިބޭ ވަރު ކުޑަކުރުމުގެ ގޮތުން ރައްޔިތުން ގޭގައި ތިބުމަށެވެ. އުޑުމަތި ފެންނަ ފަދަ ހާމަކަން ބޮޑު ސަރަހައްދުތަކުގައި ގިނަ ވަގުތު ހޭދަ ނުކުރުމުމަށް ނަސޭހަތްތެރިވެފައިވެއެވެ.