ކޮވިޑް 19 ގެ ސަބަބުން އެތައް ކުދިންގެ މައިންބަފައިން ވަނީ ގެއްލި ނިކަމެތިވެ ބާކީވެފައެވެ. އިންޑިއާގައި ވެސް މިފަދަ އެތައް ކުޑަކުދިންނަށް އެހީތެރިކަންދަނީ ފޯރުކޮށްދެމުންނެވެ.

މުމްބާއީގެ ފުލުހެއް ކަމަށްވާ އުމުރުން 40 އަހަރުގެ ރެހާނާ ޝެއިޚް ދަނީ ފުލުހެއްގެ ޑިއުޓީގެ އިތުރުން ގިނަ ހިދުމަތްތަކެއް ކުރަމުންނެވެ.

މިދިޔަ އަހަރު މިކަން ފެށުނު ގޮތް ކިޔައިދެމުން ރެހާނާ ބުނެފައިވަނީ މިގޮތަށް ހާލުގައި ޖެހިފައި ތިބޭ ނިކަމެތި ކުދިން ކިޔަވަންދާ ސުކޫލެއް އޭނާގެ ރަހުމަތްތެރިއަކު ތައާރަފް ކޮށްދިން ކަމަށެވެ. އެ ސުކޫލު ފެނުމުން އެކުދިންނަށް އެހީތެރިވާން ބޭނުންވި ކަމަށާއި އެހެންކަމުން އޭގެތެރެއިން 50 ކުދިން އެޑޮޕްޓް ކޮށްފައިވާ ކަމަށް ބުންޏެވެ.

ރެހާނާ ދަނީ މި ކުދިންގެ ކިޔެވުމަށް ބޭނުންވާ ޚަރަދުތައް ވެސް ކޮށްދެމުންނެވެ. ރެހާނާ ބުނެފައިވާ ގޮތުން އެ 50 ކުދިން ގުރޭޑް 10 ނިމެންދެން އެކުދިންގެ ކިޔެވުމުގެ ޚަރަދު އޭނާ ބަލަހައްޓާނެއެވެ.

މިފަދަ ކުދިންގެ ކިޔެވުމުގެ ޚަރަދު ރެހާނާ ބަލަހައްޓަނީ އޭނާގެ ދަރިފުޅުގެ އުފަން ދުވަހަށާއި އީދު ޝޮޕިންއަށް ރައްކާކޮށްފައިވާ ފައިސާއިން ކަމަށް ވެސް ރެހާނާ ބުނެފައިވެއެވެ.

ރެހާނާއަކީ ޕްލާސްމާ ބޭނުންވެފައިވާ 54 ފަރާތަކަށް ޕްލާސްމާ ފޯރުކޮށްދީފައިވާ ފަރާތެކެވެ. އަދި ހޮސްޕިޓަލް އެނދު ހޯދައިދިނުމުގެ އިތުރުން އޮކްސިޖަން ހޯދައިދިނުމުގައި ވެސް ރެހާނާ މަސައްކަތް ކޮށްފައިވެއެވެ.

ކޮވިޑު 19 ގެ މި ނުރައްކާތެރި ދުވަސްވަރު ރެހާނާ މިފަދަ އެހީތެރިކަން ފޯރުވަމުން ދަނީ ޑިއުޓީ ނިމިގެން ލިބޭ ހުސް ވަގުތުގައެވެ. އަދި ފުލުސް އޮފިސަރެއްގެ ހައިސިއްޔަތުން ވެސް ރެހާނާ ދަނީ އެހީ ބޭނުންވެފައިވާ އެތައް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމް ނަވާޒު

    ތީ އަސްލު ޖަޒީރާ އަންހެނުން . މާރިޔާ މީ ކޯޗެއް . މި އަންހެން މީހާ އާ މިނިސްޓްރީ ހަވަަލުކުރަން ފެނޭ . އެމް.ޑީ.ޕީ ގެ މަންމަ ޔޯ . ލަދުކޮބާ ؟ ރައީސް ގެ ސެކިއުރިޓީ ނުބެލުނު މީހަކައް . ކޮން މަންމަ އަކައް ވާނީ . ރުޅިމަޑު

    5
    1