ކޮވިޑް-19 އާއި ގުޅިގެން ބްރެޒިލްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުނުކޮށް ބޭއްވި ސައިކަލް ބުރެއްގައި ބައިވެރިވުމުން ބްރެޒިލްގެ ރައީސް ޖައިރު ބްލޮސަނާރޯ 100 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ސައިކަލް ބުރަކީ ބްލޮސަނާރޯ އަށް ތާއިދުކުރާ ފަރާތްތަކުން ދެއްވި ސައިކަލް ބުރެކެވެ. ސައޮޕާލޯގައި ބޭއްވި މިސައިކަލް ބުރަކީ ބްލޮސަނާރޯ އަށް ތާއިދުއޮތްކަން ހާމަކުރުމުގެ ގޮތުން އޭނާގެ ސަޕޯޓަރުން ބޭއްވި ސައިކަލް ބުރެކެވެ. މިއީ އަންނަ އަހަރު ބްރެޒިލްގައި އޮންނަ ރިޔާސީ އިންތިހާބަށް ބްލޮސަނާރޯ ކުރަމުން އަންނަ ކެމްޕޭންގެ ދަށުން ބޭއްވި ސައިކަލް ބުރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މާސްކް ނާޅައި ތިބި މީހުން ގައިދުރުކަމެއް ވެސް ނެތި ބޭއްވި ސައިކަލް ބުރުގައި ބައިވެރިވި މީހުންނާއި މުހާތަބުކޮށް ބްލޮސަނާރޯ ވަނީ ވާހަކަދައްކާފައެވެ. އޭނާ ބުނީ ވެކްސިން އެއްކޮށް ފުރިހަމަކޮށްފައިވާ މީހުން މާސްކް އެޅުން މަޖުބޫރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން މާސްކް އެޅުން މަޖުބޫރު ކުރުން އެއީ ކުރެވޭނެ ކަމެއް ނޫން. ވެކްސިން ފުރިހަމަ ކޮށްފައި ހުރި މީހެއްގެ ގައިން އެހެން މީހަކަށް ކޮވިޑް ނުޖެހޭނެކަން ޔަގީން. ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން މާސްކް އެޅުން މަޖުބޫރު ކުރާނީ ސައިންސް ގަބޫލުނުކުރާ މީހުން." ބްލޮސަނާރޯ ވިދާޅުވިއެވެ.

ބްލޮސަނާރޯ އަކީ މީގެ ކުރިން ވެސް ތަކުރާރުކޮށް އެތައް ފަހަރަކު ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް ވާހަކަދައްކަވާފައިވާ ބޭފުޅެކެވެ.

ހޮނިހިރު ދުވަހުގެ ސައިކަލް ބުރުގައި ބައިވެރިވުމުން ބްލޮސަނާރޯގެ ދަރިފުޅު އެޑުއާރޯ އާއި އިންފްރާސްޓަކްޗާ މިނިސްޓަރ ގޯމޭސް ވެސް ވަނީ ޖޫރިމަނާކޮށްފައެވެ. އެއިން ކޮންމެ މީހަކު ޖޫރިމަނާ ކުރީ 108 އެމެރިކާ ޑޮލަރުންނެވެ.

ބްރެޒިލަކީ އަދިވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއްގައުމެވެ. އިއްޔެ ވެސް އެގައުމުން 75000 މީހުން ކޮވިޑަށް ފައްސިވެ، ކޮވިޑް ޖެހިގެން 2008 މީހުން މަރުވިއެވެ. ބްރެޒިލް އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހަރު 17.3 މިލިއަނަށް އަރައެވެ. މީގެތެރެއިން 486000 މީހުން ވަނީ މަރުވެފައެވެ.