އުތުރު ކޮރެޔާގެ ލީޑަރު، ކިމް ޖޮންގ އުން ޗައިނާއަށް ވަޑައިގަންނަވައިފިއެވެ. ފުރަމާނަ ދަތުރުފުޅެއްގައި ކިމް އެޤައުމަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއްވަނީ ދަންނަވާފައެވެ.

މި ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ އާ ކިމް ވަނީ ބައްދަލުކުރައްވާފައެވެ. އަދި، ދެ ޤައުމު ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ. ޗައިނާގެ ދައުލަތުގެ މީޑިޔާ، "ސީސީޓީވީ" އިން ބުނެފައިވާ ގޮތުގައި، ޝީ ވަނީ ކިމް އަށް ތަޢުރީފު ކުރައްވާފައެވެ.

މީގެއިތުރުން، މި ބައްދަލުކުރެއްވުމުގައި، އުތުރު ކޮރެޔާގެ އިޤުތިޞާދީ ތަރައްޤީއާ ގުޅޭގޮތުން ކިމް ގެންގުޅުއްވާ ސިޔާސަތުތަކަށް ޝީ ވަނީ ތަޢުރީފުކުރައްވާފައެވެ. ހަމައެހެންމެ، މި މަހުގެ 12 ވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ނަތީޖާއާމެދުވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް ޝީ ވިދާޅުވެފައެވެ.

ދެ ޤައުމުގެ ދިދަ ހޫރުވަމުންދިޔަ ކުޑަކުދިންގެ ހަރަކާތްތަކާއެކު ކިމް އަށް ޝީ މަރުޙަބާ ދެންނެވިއިރު، ކިމްގެ ދެމަފިރިންގެ ޝަރަފުގައި ޚާއްޞަ ފަރިއްކޮޅެއްވެސް ޝީ ދެއްވާފައިވެއެވެ.

އުތުރު ކޮރެޔާގެ ނިއުކްލިޔާ ހަތުޔާރުގެ ބާރުވެރިކަން ނައްތާލުމަށް އެޤައުމުން ނިންމާފައިވާއިރު، މިކަމަށް ދުނިޔޭގެ ޤައުމުތަކުން މަރުޙަބާ ދަންނަވާފައިވެއެވެ. އަދި، މިކަމުގެ ސަބަބުން އުތުރު ކޮރެޔާގެ ބުރުސޫރަ ރީތިވެ، އެޤައުމާއެކު އެހެން ޤައުމުތައް އޮންނަ ގުޅުން، ކޮންމެވެސް ވަރަކަށްވަނީ ރަނގަޅުވެފައެވެ.

ކިމްވަނީ ތާރީޚީ ބައްދަލުކުރެއްވުމެއްގައި ދެކުނު ކޮރެޔާގެ ރައީސަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާވެސް ބައްދަލުކޮށްފައެވެ.