އިސްރާއީލްގެ ވެރިކަން އެންމެ ގިނަ ދުވަސް ވަންދެން ކުރި ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުން ފާހަގަ ކުރަން އިސްރާއީލްގެ ގިނަ އަދަދެއްގެ މީހުން ތެލްއަވީވްގެ މަގުތަކަށް ނިކުމެއްޖެއެވެ. ގިނަ އަދަދެއްގެ މީހުން ވެސް ވަނީ އިސްރާއީލްގެ ދިދަތައް ހިފައިގެން އުފާފާޅުކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަމަށް ރޭ ނިމުން އައީ ނަފްތާލީ ބެނެޓް އެވެ.

ނަތަންޔާހޫ އާއި ދެކޮޅަށް އުފެއްދި ކޯލިޝަނުން މިފަހަރު ސަރުކާރެއް އެކުލަވާލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ނަމަވެސް ފަހަރުގައި އެފުރުސަތު ގެއްލިދާނެ ކަމަށް ވެސް ބައެއް ފަހަރުތަކުގައި ހީވިއެވެ. އެންމެ ފަހުވަގުތާއި ހަމައަށް ވެސް ނަތަންޔާހޫގެ ސަޕޯޓަރުން ތިބީ އިދިކޮޅު ފަރާތްތަކަށް ސަރުކާރެއް އެކުލަވައި ނުލެވޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ. ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔައިރު ވެސް ނަތަންޔާހޫގެ މަދުއަދަދެއްގެ ސަޕޯޓަރުން ތެލްއަވީވްގެ މަގުތަކަށް ނިކުމެ އެމީހުން ތިބީ ނަތަންޔާހޫ އާއި އެއްކޮށްކަން ހާމަކުރަމުން ދިޔައެވެ.

ނަމަވެސް ބެނެޓްގެ ސަރުކާރަށް ގާނޫނު ހަދާ މަޖިލީހުން އެންމެ ވޯޓެއްގެ ތަފާތުން ރުހުން ދިނުމާއިއެކު ނަތަންޔާހޫގެ ސަޕޯޓަރުން މާޔޫސްވިއެވެ. ބެނެޓްގެ ސަރުކާރަށް ރުހުން އޮތް ކަމަށް ވޯޓް ދިނީ 60 މެންބަރުންނެވެ. އޭނާގެ ސަރުކާރަށް ރުހުން ނެތް ކަމަށް 59 މެންބަރުން ވޯޓް ދިނެވެ.

ބެނެޓްގެ ސަރުކާރަށް ރުހުން އޮތް ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާއިއެކު ތެލްއަވީވްގެ މަގުތަކަށް ނިކުތް އެތައް ހާސް ރައްޔިތުންނެއް ވަނީ ނަތަންޔާހޫގެ ތަފާތުކުރުން ބޮޑު، އަދި ހަމަނުޖެހޭ އިގުތިޞާދީ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ފަހަކަށް އައިސް ނަތަންޔާހޫއަށް ސިޔާސީ ގޮތުން ކުރިމަތިވާ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި އަދި ބައެއް މައްސަލަތަކުގައި ދައުވާވެސް އުފުލާފައި ވާއިރު މަގާމުގައި ދެމިހުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އޮތީ ކުރިމަތިވެފައެވެ.

އިސްރާއީލްގެ ވެރިކަން ބަދަލުވި ނަމަވެސް އިސްރާއީލްގެ އަނިޔާވެރި ސިޔާސަތުތަކަށް މާބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެއެވެ. ހާއްސަކޮށް ބޮޑުވަޒީރު ބެނެޓް އަކީ ފަލަސްތީންގެ ރައްޔިތުންނާއި މެެދު އާދަޔާއި ހިލާފު އަނިޔާވެރި ސިޔާސަތެއް ގެންގުޅެން ތާއިދުކުރާ މީހަކަށް ވުމުން ފަލަސްތީންގެ މައްސަލައަށް ހައްލެއް އަތުވެދާނެ އެއްވެސް ކަމެއް އޭނާގެ ވެރިކަމުގައި ކުރިއަށް ހިނގައިދާނެ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެއެވެ.