އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ގާތްގަނޑަކަށް %30 މީހުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ނުޖަހާނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ވެސް އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންނާއި ރިޕަބްލިކަން ޕާޓީ މެންބަރުންގެ މެދުގައި ތަފާތުތަކެއް ހުއްޓެވެ. "ސީބީއެސް" އިން ކުރިއަށް ގެންދިޔަ ސާވޭއެއްގައި ބައިވެރިވި މީހުންގެ ތެރެއިން ރިޕަބްލިކަން ޕާޓީގެ %52 މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. %6 މީހުން ވެކްސިން ޖަހަން ނިންމައިގެން ތިބިއިރު ވެކްސިން ޖެހުމާއިމެދު ގޮތެއް ނުނިންމާ ވެސް %6 މީހުން އެބަތިއްބެވެ. ދެން ބާކީ ތިބި މީހުންނަކީ ވެކްސިން އެއްވެސް ގޮތަކަށް ޖަހަން ބޭނުން ނުވާ މީހުންނެވެ.

ޑިމޮކްރަޓިކް ޕާޓީ މެންބަރުންގެ ތަފާސް ހިސާބަށް ބަލާއިރު %77 މީހުން މިހާރު ވަނީ ވެކްސިން އެއްކޮށް ފުރިހަމަ ކޮށްފައެވެ. %12 މީހުން އަދިވެސް ވެކްސިން ޖަހަން ތައްޔާރަށް އެބަތިއްބެވެ. ވެކްސިން ޖެހުމާއިމެދު ގޮތެއް ނުނިންމާ %6 މީހުން ތިބިއިރު ވެކްސިން ނުޖަހަން ނިންމައިގެން ތިބި ޑިމޮކްރަޓިކް ޕާޓީ މެންބަރުންގެ ނިސްބަތަކީ %5 އެވެ.

ވަޒީފާ އަށް ނިކުންނަ މީހުން ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް ޑިމޮކްރަޓޮކް ޕާޓީގެ %80 މެންބަރުން އެއްބަސް ވެއެވެ. ނަމަވެސް އެކަމަށް އެއްބަސްވަނީ ޑިމޮކްރަޓިކް ޕާޓީގެ %39 މީހުންނެވެ.

އެމެރިކާ ސަރުކާރުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި އުމުރުން 18 އަހަރުން މަތީގެ އެމެރިކާ ރައްޔިތުންގެ %64 މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވި އެމެރިކާގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ. އިއްޔެ އެމެރިކާ އިން ކޮވިޑަށް ފައްސިވީ 5000 މީހުންނެވެ. ކޮވިޑް ޖެހިގެން އިއްޔެ އެމެރިކާ އިން މަރުވީ 100 މީހުންނެވެ.

މީގެ ދެތިން މަސް ކުރިން ދުވާލަކު އެމެރިކާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ތިން ލައްކައަށް ވެސް އެރިއެވެ. އެމެރިކާގެ ހާލަތު ކޮންޓްރޯލްވި އެއްސަބަބަކީ ވެސް ގިނަ ބަޔަކު ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަރުކަށި

    ހުސް ހަރުކަށި މީހުން ދޯ.