ކުދި ޖަމާއަތްތަކުން ދުނިޔެ ކޮންޓްރޯލް ކުރި ޒަމާން ގޮސްފައިވާ ކަމަށާއި، މިއީ ކުދި ޖަމިއްޔާތަކުން ދުނިޔެ ބައްޓަން ކުރާ ޒަމާނެއް ނޫން ކަމަށް ބުނެ ޗައިނާ އިން ވަރުގަދަ ރައްދެއް ޖީ7ގެ ލީޑަރުންނަށް ދީފިއެވެ.

"ދުނިޔޭގެ ކަންކަމަށް ކުދި ޖަމާއަތްތަކުގެ ނުފޫޒު ފޯރުވާ، ކުދި ޖަމާއަތްތަކުގެ ލަފާގެ މަތިން ކަންކަން ނިންމި ޒަމާން ދިޔަތާ ކިތަންމެ ދުވަހެއް" ލަންޑަނުގަައި ހުރި ޗައިނާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކިތަންމެ ބޮޑު އަދި ކުޑަ ގައުމަކަށް ވިޔަސް، ނިކަމެތި ނުވަތަ މުއްސަނދި ގައުމަކަށް ވިޔަސް ހުރިހާ ގައުމުތަކަކީ ހަމަހަމަ ގައުމުތަކެއްގެ ގޮތުގައި ގަބޫލު ކުރާ ކަމަށެވެ. ދުނިޔެ ބައްޓަން ކުރަންވާނީ ހުރިހާ ގައުމަކުން ގުޅިގެން މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.

ޗައިނާއިން މިފަދަ ހޫނު ރައްދެން ޖީ7އާއި ދެކޮޅަށް ދީފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ކެނެޑާ، އިޓަލީ، ޖަޕާން، ޖަރުމަނު ވިލާތާއި އިނގިރޭސި ވިލާތުގެ ޖީ7ގެ ލީޑަރުން އިނގިރޭސިވިލާތުގެ ކޯންވޯލްގައި ބޭއްވި ބައްދަލުވުމުގައި ޗައިނާއިން ކުރިޔަށްގެންދާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އާއި ވާދަކޮށް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިޔުމަށް ޕްލޭނެއް އެކުލަވާލުމާ ގުޅިގެންނެވެ.

ދުނިޔޭގެ ގަދަ ބާރަކަށް ޗައިނާވުމަކީ ހުޅަނގުގެ ގައުމުތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ޗައިނާގެ ގިނަ ސިޔާސަތުތަކަށް ޖީ7ގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި ފަގީރު ގައުމުތަކަށް ޗައިނާގެ ނުފޫޒު ފޯރުވުން ހުއްޓުވުމަށް މަސައްކަތް ކުރަން ޖީ7ގެ ބައްދަލުވުމުގައި ނިންމާފައިވެެއެވެ.

އެމެރިކާއިން ބުނަނީ ނިންމާފައިވާ ނިންމުން ތަކަކީ ޗައިނާއާއި ދެކޮޅަށް އެކުލަވާލި ޕްލޭނެއް ނޫން ކަމަށާއި، މިއީ ފައްސި ނަޒަރަކުން ދުނިޔެއަށް ބަލައި ގައުމުތަކަށް ތަރައްގީވާން އެހީތެރިވުމުގެ ވެސް ބޭނުމުގައި އެކުލަވާލި ޕްލޭނެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޭރު

    ޗައިނާއައް ހީނުވާނެ ކަހެރުވަކެކޭވެސް

    16
    1