އިންޑިއާގެ ވެރި ރަށް ދިއްލީގައި ރޮހިންޔާ މީހުން ދިރިއުޅެމުން އައި ރެފިއުޖީ ކޭމްޕެއްގައި ރޯވުމުގެ ސަބަބުން އެތަނުގެ ސަތޭކައަށް ވުރެ ގިނަ މީހުން މަގުމަތިވެއްޖެއެވެ.

އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:30 ހާއިރުއެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުން އިރު 55 ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. މި ހާދިސާގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައި އަދި ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

މިއީ 2018 ވަނަ އަހަރުގެ ފަހުން މި ކޭމްޕުގައި އަލިފާން ރޯވެ ގެތައް އެނދި ދެ ވަނަ ފަހަރެެވެ.

ދިއްލީގެ ފަޔާ ސާވިސް ޑިޕާޓްމެންޓުން ބުނި ގޮތުގައި އަލިފާންގަނޑު ނިއްވާލުމަށް 15 އޮފިސަރުން ހަރަކާތްތެރިވެ، ކޮށްފައިވާ މަސައްކަތް ކާމިޔާބުވެފައިވަނީ ހަ ގަޑިއިރު ފަހުންނެވެ.

ރެފިއުޖީ ކޭމްޕުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ހޯދުމަށް ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ. ދިއްލީގެ ފުލުހުން ގަބޫލުކުރާ ގޮތުގައި ކޭމްޕުގައި އަލިފާން ރޯވާން މެދުވެރިވެފައިވަނީ ކަަރަންޓު ވަޔަރަކުން ޝޯޓް ވެގެންނެވެ. ފޮރެންސިކް ސައިންސް ޓީމުން ވަނީ އެކަމަށް ބޭނުންވާ އިތުރު ހެކި ހޯދާ ދިރާސާ ކުރުމަށް ވަޔަރުގެ ސާމްޕަލް ނަގައިފައެވެ.

މިޔަންމާގައި އަސްކަރީވެރިންގެ ހަމަލާތަކުގެ ސަބަބުން އެ ގައުމު ދޫކޮށް ރޮހިންޔާ މުސްލިމުން ވަނީ އެކި ސަރަހައްދުތަކަށް ހިޖުރަ ކޮށްފައެވެ. އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރޮހިންޔާގެ ރެފިއުޖީންގެ އަދަދު މިހާރު 40،000އަށް އަރާ އިރު ބަންގްލަދޭޝްގައި 750،000 އަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެއެވެ.