އިންޑިއާގެ އުއްތަރު ޕްރަދޭޝޭގެ ގަޒިއަބާދު އަވަށުގައި އުމުރުން ދުވަސްވީ މުސްލިމު ފިރިހެނަކަށް އަނިޔާކޮށްފިއެވެ. މި މީހާއަށް އަނިޔާ ކޮށްފައިވަނީ އެހެން ދީނެއްގައި ބޭނުންކުރާ ބަސްތަކެއް ނުކިޔުމުންނެވެ.

ޖޫން 5 ވަނަ ދުވަހު މިސްކިތަށް ދިޔުމަށް ރިކްޝާއަކަށް އެރި އަބްދުލް ސަމަދުއަށް މިސްކިތަށް ނުދެވި، ދާންޖެހުނީ ޖަންގައްޔަށެވެ. ރިކްޝާއަށް އިތުރު ދެ މީހަކު އަރައި ސަމަދު ރަހީނު ކޮށްގެން ޖަންގައްޔަށް ގެންގޮސްފައިވެއެވެ.

ޖަންގަލީގައި ހުރި ތަނެއްގައި ސަމަދު ބަންދު ކުރުމަށްފަހު އޭނާ ލައްވާ ބުދަށް އަޅުކަން ކުރުމަށް ބޭނުންކުރާ ބަސްތައް ނުކިޔުމުން ވަރަށް އަނިޔާ ކޮށްފައިވެއެވެ. ވަޅިން ބިރުދައްކައިފައިވެސް ވެއެވެ. އަދި ކަތުރަަކުން އޭނާގެ ތުނބުޅި ވެސް ކޮށާލާފައިވެއެވެ.

މުސްލިމުންނަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް އެމީހުން ސަމަދު އަށް ދެއްކި ކަމަށްވެއެވެ. ސަމަދުއަށް އަނިޔާ ކުރި މީހުން ބުނިގޮތުގައި ސަމަދުއަކީ ޕާކިސްތާނުން އައިސް ހުރި ޖާސޫސެކެވެ.

''އަހަރެން މިސްކިތަށް ދިޔުމަށްޓަކައި ރިކްޝާއަކަށް އެރިން. އިރުކޮޅަކުން އިތުރު ދެ މީހަކު އެ ރިކްޝާއަށް އެރި. ރިކްޝާއިން ނުފޭބުމަށް އަހަރެން ގާތު ބުނި. އެމީހުން އަހަރެން ގެންދިޔައީ ޖަންގައްޔަކަށް. އެތާހުރި ތަނެއްގައި ބަންދު ކުރި. އަދި ބުދަށް އަޅުކަން ކުރުމަށް ބޭނުންކުރާ ބަސްތަކެއް ކިޔުމަށް ބުނި. އަހަރެންގެ ފޯނާއި ގަޑި ވެސް އަތުލައި ހަލާކު ކޮށްލި. އެއަށްފަހު ކަތުރަކުން އަހަރެންގެ ތުނބުޅި ކޮށާލި. އަދި އެހެން މުސްލިމުންނަށް އަނިޔާ ކުރާ ވީޑިއޯއެއް ވެސް ދެއްކި'' ސަމަދު ކިޔައިދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގަޒިއަބާދުގެ ފުލުހުން ވަނީ މައްސަލަ ރެޖިސްޓަރކޮށް މިކަމުގައި އުޅުނު އެކަކު ހައްޔަރު ކޮށްފައެވެ. އަދި އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ގަޒިއަބާދުގެ ފުލުހުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ......

    ފަހަރުގައި މީހަކު ކަމެއް ކޮށްފާނެ އެވެ...ނަމަވެސް އެފަދަ ކަން ކަން އާންމުވެ ތަކުރާރުވާނަމަ އެއީ ބާރު ހުރި މީހުން ކުރުވާ ކަމަކީ އެވެ...."ކުރީގެ އިލްމުވެރިއެއްގެ ބަސްކޮޅެއް"

    13
  2. Anonymous

    މިވަރުގެ ބަޔަކު ދިވެހިރައްޔިތުންނަށް ހެޔޮއެދޭނޭތަ މުސްލިމުން ނަށް ވީތީވެސް