މޫދުގައި ވިހަގަދަ ސޫތްޕެއް ކަމަށްވާ ފިރުއައުނުމުދާ (ޖެލީފިޝް) ގިނަވެ ސްޕެއިންގެ އިރުމަތީގެ ބައެއް ސަރަޙައްދުތަކުގެ މޫދަށް އެރި އުޅުން މަނާކޮށްފިއެވެ.

ނޫސްތައް ބުނާގޮތުގައި، އާދަޔާއި ޚިލާފަށް ފިރުއައުނުމުދާ ގިނަވުމުގެ ސަބަބުން މޫދަށް އެރިއުޅުން މަނާކޮށްފައިވަނީ އެޤައުމުގެ ރިސޯޓު އަވަށެއް ކަމަށްވާ ނަރޖާ އާއި ވެލެޒް-މަލަންގާގެ އިތުރުން ޓޮރެމޮލިނޯސް އާއ މިޖާސް އަވަށުގައެވެ.

މިއީ ފިރުއައުނުމުދަލުގެ އުނދަގޫ އެޤައުމުގެ ގޮނޑުދޮށުގެ ސަރަޙައްދުތަކަށް 2012ގެ ފަހުން އެންމެ ބޮޑަށް ކުރިމަތިވި ފަހަރު ކަމުގައިވާއިރު، މިހާތަނަށް މިއަހަރު މި މައްސަލަ ކުރިމަތިވިފަހުން އަށް ޓަނުގެ ފިރުއައުނު މުދާ ގޮނޑުދޮށްތަކުން ނަގާފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ފިރިއައުނުމުދާ ގިނަވުމުގެ ސަބަބުން، ބައެއް ފަތުރުވެރި މަންޒިލްތަކުގެ ގޮނޑުދޮށްތަކަށް އުޅުނު 150 އަށްވުރެ ގިނަ ފަރާތަކަށް އެކިވަރުގެ އަނިޔާ ލިބިގެން ރިޕޯޓްކޮށްފައިވާއިރު، މި ގޮނޑުދޮށްތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ގޮނޑުދޮށްތަކަށް ލައްގާފައި ހުރި ގިނަ ޢަދަދެއްގެ ފިރުއައުނުމުދާ ނެގުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ.

ސްޕެއިންގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ފިރުއައުނުމުދާ ގިނަވެފައި މިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އެ ސަރަޙައްދުތަކަށް ކުރި ވިއްސާރައިގެ ސަބަބުންނާއި، ފިނިހޫނުމިނަށް އައި ކުއްލި ބަދަލެއްގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.