އެމެރިކާއާ ދެކޮޅަށް ރަޝިއާ އިން ސައިބާ ހަމަލާދޭ ކަމަށް ބުނެ ރަޝިއާ އ ދެކޮޅަށް ކުރި ތުހުމަތުތައް އެ ގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ދޮގުކުރައްވައިފިއެވެ.

އެންބީސީ ނޫހަށް ޕޫޓިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަޝިޔާގެ ހެކަރުން އެމެރިކާއާ ދެކޮޅަށް ސައިބާ ހަމަލާދިނުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، ރަޝިޔާއިން އެމެރިކާއާ ދެކޮޅަށް ސައިބާ ހަމަލާ ދިންކަމަށް ބުނާއިރު ހެއްކެއް ދައްކަން ޖެހޭ ކަމަށެވެ.

"އެމެރިކާއާއި ދެކޮޅަށް ރަޝިއާ އިން ސައިބާ ހަމަލާ ދޭކަމުގެ ހެއްކެއް ކޮބާ؟" ޕޫޓިން ވިދާޅުވިއެވެ.

"އެތައް ކަމެއްގައި ރަޝިއާ އަށް ތުހުމަތު ކޮށްފަ އެބަހުރި، ސައިބާ އެޓޭކާއި، އިންތިހާބުގައި ނުފޫޒުފޯރުވި ކަމަށާއި އަދި އޭގެ އިތުރުން އެހެންވެސް ކަންކަމުގައި ތުހުމަތު ކޮށްފައި އެބަހުރި. ތަކުރާރުކޮށް އެފަދަ ތުހުމަތުތައް ކުރަމުންދާއިރު، މިއީ ހެއްކާއި ހިސާބަށް އެމެރިކާއިން ވިސްނަންވީ ވަގުތު" ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން އެމެރިކާއާ ގުޅިގެން ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވާ ވާހަކަ ދެއްކިތާ އެއް ދުވަސް ފަހުންނެވެ. އިންޓަވިއުގައި ވާހަކަ ދައްކަަވަމުން ޕޫޓިން ވިދާޅުވީ ރަޝިޔާއަށް އެމެރިކާ ފަދަ އެހެން ގައުމުތަކާއި އެކުގައި ވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެމެރިކާ އާއި ރަޝިއާގެ ގުޅުމަށް ހީނަރުކަމެއް އައިސްފައިވަނިކޮށް ދާދި ފަހުން ޕޫޓިން ވިދާޅުވީ ތާރީހުގައި ވެސް ދެގައުމުގެ ގުޅުން ގޯސްވެފައި ނުވާ މިންވަރަށް މިހާރު އެ ގުޅުން ގޯސްވެއްޖެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު