ދެމަސްވަންދެން ބަންދުކުރުމަށް ފަހު ތާޖް މަހަލް އާންމުންނަށް އަލުން ހުޅުވާލަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދުކުރުމަށް ފަހު ތާޖް މަހަލް އާންމުންނަށް ހުޅުވާލަން އިންޑިއާ ސަރުކާރުން ނިންމާފައި ވަނީ ކޮވިޑް ވޭދަނަތައް މަދުވާން ފެށުމުންނެވެ.

ކޮވިޑާ ގުޅިގެން ތާޖް މަހަލްގެ އިތުރުން އެހެން ތާރީހީ ބިނާތައްވެސް އިންޑިއާ ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ(އޭއެސްއައި) އިން ތާޖްމަހަލް ހުޅުވަން ހުއްދަދީފައިވާ އިރު ތާޖް މަހަލް އަށް ވަނުމަށް ޓިކެޓް ހޯދަން ޖެހެނީ އޮންލައިންކޮށެވެ. އަދި ތާޖް މަހަލް އަށް އެއްފަހަރާ ވަދެވޭނީ 650 މީހުންނަށެވެ.

އިންޑިއާގެ އާސާރީ ހުރިހާ ބިނާތަކެއް، އޭގެ ތެރޭގައި ރެޑް ފީޓް، އަހަންތާ ކޭވްސް އަދި ތާޖް މަހަލް ބަންދުކޮށްފައި ވަނީ އޭޕްރީލް 15 ގައެވެ.

އަހަރެއްގެ މައްޗަށް އަށް މިލިއަން މީހުން ތާޖްމަހަލް އަށް ޒިޔާރަތްކުރާ އިރު މިތަނަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުންވެސް ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެކެވެ. އަދި ދުނިޔޭގެ މަޝްހޫރު ލީޑަރުންނާއި ފަންނާނުންވެސް މިތަނަށް ޒިޔާރަތްކުރާކަން ފާހަގަ ކުރެވެއެވެ.

މިދިޔަ އަހަރުގެ މާރިޗު 17 ގައި އިންޑިއާގެ 3،600 އަށްވުރެ ގިނަ ތާރީހީ ބިނާތަކާއި ތަންތަން ވަނީ ބަންދުކޮށްފައެވެ. މި ތަންތަނަކީ އޭއެސްއައި އިން މަރާމާރުކޮށް ބަލަހައްޓަމުންދާ ތަންތަނެވެ.

ކޮވިޑް-19 އާ ގުޅިގެން އެތައް ހާސް މީހުން އިންޑިއާ އިން މަރުވި އިރު ކޮވިޑްގެ ދެވަނަ ރާޅެއްވެސް އެ ގައުމަށް ވަނީ އަރައިފައެވެ. އެ ރާޅުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައި ބަލިވާ މީހުންގެ ޢަދަދުވެސް އިންތިހާއަށް އިތުރުވެގެން ދިޔައެވެ.