އަނިޔާވެރި ނިރުބަވެރި އަމަލުތަކެއް ފެނިގެންދިޔަ ބެންޖަމިން ނަތަންޔާހޫ އިސްރާއީލްގެ ބޮޑު ވަޒީރުކަމުން ދުރުކޮށް އާ ސަރުކާރެއް ވަނީ އުފައްދައިފައެވެ. އާ ސަރުކާރުގެ ބޮޑުވަޒީރަކީ ނަފްޓާލީ ބެނެޓްއެވެ.

އިސްރާއީލްގައި އޮންނަނީ ބަރުލަމާނީ ނިޒާމުގެ ވެރިކަމެކެވެ. ބެނެޓްގެ ސަރުކާރަށް ގާނޫނު ހަދާ މަޖިލީހުން ރުހުން ލިބުނީ ހަނި ގޮތަކުން ކުރި ލިބިގެންނެވެ. ބެނެޓްގެ ސަރުކާރަށް ރުހުން އޮތް ކަމަށް ވޯޓު ދިނީ 60 މެންބަރުންނެވެ. އޭނާގެ ސަރުކާރަށް ރުހުން ނެތް ކަމަށް 59 މެންބަރުން ވޯޓު ދިނެވެ.

އާ ސަރުކާރަކަށް ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިފައިވަނީ ދެ އަހަރު ތެރޭގައި ހަތަރު އިންތިހާބެއް ބާއްވައި، ފަސްވަނަ އިންތިހާބަކަށް ގޮސްދާނެ ކަަމަށް ވެސް ބެލެވިފައި ވަނިކޮށެވެ. މިއިން އެއް އިންތިޚާބެއްގައި ވެސް ވަކި ބަޔަކަށް ސަރުކާރު އެކުލެވޭ ވަރަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުނީއެވެ.

ނަތަންޔާހޫ ވެރިކަމުން ދުރުކުރެވޭ ފެންވަރަށް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދީ ނަތަންޔާހޫއާ ދެކޮޅަށް ތިބި އަށް ސިޔާސީ ޕާޓީއެއް ގުޅިގެން ކޯލިޝަނެއް އުފައްދައިގެންނެވެ. އެ ކޯލިޝަނަށް އަޣުލަބިއްޔަތު ލިބެނީ ވެސް ހަނި ގޮތަކަށެވެ.

ނަތަންޔާހޫގެ މަގާމަށް އާ މީހަކު އައުމުން ދެން އިސްރާއީލަށް އަންނާނީ ކޮން ބަދަލުތަކެއްކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މި ސުވާލުތައް އަންނަ މައިގަނޑު ސަބަބަކީ އިސްރާއީލާއި ފަލަސްތީނާ ދެމެދު އޮންނަ ހަނގުރާމައާ ގުޅުވައިގެނެވެ.

ފަލަސްތީނުގެ ބިމުގެ މައްޗަށް އިސްރާއީލް ދައުލަތުން ދަނީ ވެރިވެ ގަންނަމުންނެވެ. އެކަން ކުރަން އެތައް ނިރުބަވެރި ހަމަލާތައް އިސްރާއީލުން ދަނީ ދެމުންނެވެ. ފަލަސްތީނުގައި އެތައް މުސްލިމުންގެ ފުރާނަ ދަނީ ގެއްލެމުންނެވެ.

މި ދަނޑިވަޅުގައި ފަލަސްތީނުން ބުނަމުން އަންނަނީ އާ ސަރުކާރެއް އެކުލަވާލައި ބޮޑުވަޒީރުގެ މަގާމުގައި ހުރި މީހާ ބަދަލު ކުރި ކަމުގައި ވިޔަސް އަމަލުކުރަމުން ގެންދާނީ އެއް ސިޔާސަތުތަަކަކަށް ކަމަށެވެ.

ނަތަންޔާހޫގެ ސިޔާސަތާ ބެނެޓް ދެކޮޅު؟

އިސްރާއިލުގައި އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރުކަން ކޮށްފައިވާ ބެންޖަމިން ނަތެންޔާހޫ އާއި އަލަށް އެ މަގާމާއި ހަވާލުވެލެއްވި ނަފްޓާލީ ބެނެޓުގެ ސިޔާސަތުތަކުގައި ކުޑަ ނަމަވެސް ތަފާތުކަމެއް ހުރިކަން ފާހަގަ ކުރެވެއެވެ. ޕްރައިވެޓް ސެކްޓާ އާއި ލޭބާ ޔޫނިއަންގެ ގަވާއިދުތަކުގައި ބެނެޓް އިސްލާހުކުރަން ބޭނުންފުޅުވާ ކަންތައްތަކެއް އެބަހުއްޓެވެ.

"އިސްރާއިލުގައި މިއޮތް މޮނޮޕޮލީ ނިމުމަކަށް ގެނެސް، އެއްބަޔަކު އަނެއްބަޔަކަށް ކަރުގައި ވަޅިޖެއްސުން ހުއްޓުވާނަން" 2013 ވަނަ އަހަރު ނިއުޔޯކް ޓައިމްސުން ކުރިޔަށް އޮތް 4 އަހަރު ކުރަން ބޭނުންވާ ކަމެއް ސާފުކުރަން އެދުމުން ބެނެޓް ވިދާޅުވީ މިފަދައިންނެވެ.

ބެނެޓުގެ ދެއަހަރުގެ ވެރިކަން ނިމުމަށް ފަހު ވެރިކަން ބަދަލުވުމުގެ ކުރިން ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން ބެނެޓް މަސައްކަތް ކުރައްވާނެއެވެ.

އޭގެ ތެރޭގައި ދީނީ ގޮތުން އޮތް ގުޅުމާއި، ސްޓޭޓްތަކުގެ މެދުގައި އޮތް ގުޅުން، ޒަރޫރީ ބޭނުންތަކަށް ހަރަދުވާ ވަރުގެ އިތުރުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވާނެެއެވެ.

ފަލަސްތީނަށް އޮތީ އެއް ވިސްނުމެއް!

ނަފްތަލީ ބެނެޓާއި ބެންޖަމިން ނަތަންޔާހޫ ފިކުރީ ގޮތުން ގެންގުޅެނީ އެއް ސިޔާސަތުތަކަކަށް ވެފައި ކުޅުއްވާނީ އެއް ރޯލެއް ކަމަށް ބައިނަލް އަގްވާމީ މީޑިއާތަކުގެ ދިރާސީ ރިޕޯޓްތަކުގައި ވެސް ފާހަގަކޮށްފައިވެއެވެ. ބޭނުންވާނީ އެއް ނަތީޖާއެއް ހާސިލް ކުރުމަށް ކަން ފާހަގަކޮށްފައިވެއެވެ.

ބެނެޓަކީ ވެސް ފަލަސްތީން ބިންތަކުގައި ޔަހޫދީން ގެދޮރުވެރި ކުރުވަން ވަރަށް ބޮޑަށް ތާއީދު ކުރައްވައި އަމަލީ ގޮތުން އެ މަސައްކަތްތަކުގައި އުޅުއްވި ބޭފުޅެކެވެ. ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު، ބެނެޓާއި ނަތަންޔާހޫގެ އަމާޒު ދާދި އެއްގޮތެވެ.

ފަލަސްތީނުގެ ދަރިކޮޅު ނިމިމަކަށް ގެނެސް ބިމަށް ވެރިވެގަތުން ވެފައިމިވަނީ ހާސިލްކުރަން ބޭނުންވާ ކަމަކަށެވެ. މީގެ ކުރީގައި މި މޭރުމުން ޚުދު ބެނެޓް ވެސް އެތައް ވާހަކައެއް ދައްކަވާފައިވެއެވެ.

ބައިނަލް އަގްވާމީ މީޑިއާތަކުން ވެސް ދަނީ ބެނެޓް މީގެ ކުރިން ދައްކަވާފައިވާ އެތައް ވާހަކައެއް މިި ދަނޑިވަޅުގައި ގެނެސްދެމުންނެވެ.

މި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ބައިނަލް އަގްވާމީ މަސްރަހު ދިރާސާ ކުރާ ގިނަ ފަރާތްތަކުން ފާހަގަކުރަނީ އިސްރާއީލް-ފަލަސްތީނުގެ މަސްރަހަށް އަދި ސުލްހައެއް އައުމަކީ އަދިވެސް މާ ދުރުގައި އޮތް ކަމެކެވެ. އެ ކަމަށް އިސްރާއީލް ދައުލަތުގެ ދުވަސްވީ ސިޔާސަތު ބެނެޓް ވެސް ތަންފީޒު ކުރާނެއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބެނެޓް ބުނީ އޭރު ބެނެޓަކީ ޑިފެންސް މިނިސްޓަރަށް ވީނަމަ ފަަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ގެންގުޅޭނީ 'ބަޑިޖަހާނީ މަރާލަން' ސިޔާސަތު ކަމަށެވެ.

ފަލަސްތީނުގައި ދިރިއުޅޭ ކުޑަކުދިންނަށް ވެސް އެ ސިޔާސަތައް އަމަލުކުރާނެތޯ މީޑިއާތަކުން އޭރު ސުވާލު ކުރުމުން ބެނެޓް ބުނެފައިވަނީ ފަލަސްތީނުގައި ކުޑަކުދިން ނޫޅޭނެ ކަމަށާއި، އެއީ ނިރުބަވެރިން ކަމަށެވެ.

އިސްރާއިލް ޓައިމްސުން ޝާއިޢުކުރި ރިޕޯޓެއްގައި ބުނީ ބެނެޓަކީ ސަރުކާރުން ގެންގުޅެމުން އައިސްފައިވާ އުސޫލުތައް ނިމުމަކަށް ގެންނާނެ މީހެއް ނޫން ކަމަށާއި، އެއީ އެ ސިޔާސަތުތަކާއި އެކުގައި ގައުމު ހިންގާނެ މީހެއް ކަމަށެވެ.

އޭގެ އުތުރުން ބުނެފައިވަނީ ބެނެޓަކީ ފަލަސްތީނުގެ ދަރިކޮޅު ނިމުމަކަށް ގެނެވޭނެ ވަރުގެ ކުޅަދާނަ މީހެއް ކަމަށާއި، އިސްރާއިލަށް ބިން ހޯދަަން ކޮންމެ ގޮތެއް ހަދާފައިވެސް ބެނެޓް މަސައްކަތް ކުރާނެ ކަމަށެވެ. ނަތަންޔާހޫ ވެސް މަސައްކަތް ކޮށްފައިވަނީ މި އުސޫލުގެ ދަށުން ފަލަސްތީނުގެ ބިމަށް ވެރިވެގަތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްމާލު

    ޝުކުރިއްޔާ ބެނެޓް

    3
    3
  2. ޏަސީ

    ތިކަމުން އިސްރާއިލް ޔަހޫދީންނަށް ބަދަލެއް އައިސްދާނެ. އެހެންކަމަކު ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަކަށް އެއްވެސް ބަދަލެއް ނާންނާނެ. ވިއްޔާ ވާނީ ދެރަ ނިކަމެތިގޮތް. އެކަމަކު ނަޞްރު އޮތީ މުސްލިމުންނަށް އިންޝާﷲ