ނޮވާވެކްސް ވެކްސިނަކީ 90% ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ވެކްސިނެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިވަނީ އެމެރިކާ އާއި މެކްސިކޯގައި 30،000 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ. ވެކްސިނުގެ ސަބަބުން ކޮވިޑް ބަލީގައި ހާލު ދެރަވުމާއި ބަލީގައި ފުރާނަ އަށް ނުރައްކާވުމާއި ދުރު ކަމަށް ދިރާސާ ރިޕޯޓުތަކުން ދައްކައެވެ.

ނޮވާވެކްސް ވެކްސިން ޖެހުމުން ކޮވިޑް ބަލީގައި ބޮޑުވަރުވުމުން ރައްކާތެރި ކޮށްދެއެވެ. ތަހުލީލް މަރުހަލާގެ ތެރޭގައި މި ވެކްސިން ދީފައިވާ މީހުންގެ ތެރޭގައި ބަލީގައި ބޮޑުވަރުވެ ފަރުވާކުރަން ޖެހިފައިވާ އެއްވެސް މީހަކާއި، ބަލީގެ ސަބަބުން ފުރާނައަށް ގެއްލުންވާފަދަ ކަމެއް އެއްވެސް މީހަކަށް ދިމާވެފައިނުވާ ކަމަށް ބުނެއެެވެ.

ވެކްސިން ޖެހުމުން ސައިޑް އިފެކްޓުގެ ގޮތުގައި ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުން ފަދަ ކަންކަން ދިމާވެފައިވާއިރު، މިހާރު ހުއްދަ ދީފައިވާ ވެކްސިން ތަކަށްވުރެ ސައިޑް އިފެކްޓް ކުރާ މިންވަރު ވެސް ދަށް ކަމަށް ބުނެފައިވެއެވެ.

ޑިރެކްޓަރ އޮފް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ޑިޒީޒަސް، އެންތޮނީ ފައުޗީ ވަނީ މި ވެކްސިން އުފެއްދުމުން ތައުރީފް ކުރައްވާ، ކޮވިޑް އާލަމީވަބާގައި މިހާތަނަށް ތައްޔާރުކުރެވުނު އެންމެ ކޮލިޓީ އަދި އެންމެ ރަނގަޅު ވެކްސިން ކަމަށް ވިދާޅުވެފައެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނޮވާވެކްސްގެ 100 މިލިއަން ވެކްސިން ޑޯޒް އުފެއްދޭނެ ކަމަށް ލަފާކޮށް ބުނެފައިވެއެވެ. އެމަޖެންސީ ހާލަތުގައި މި ވެކްސިން ބޭނުންކުރުމަށް ހުއްދަ ހޯދުމަށް އެ ކުންފުނިން ވަނީ ހުށަހަޅާފައެވެ. ރިޕޯޓުތައް ބުނާގޮތުން ވެކްސިނާ ގުޅިގެން ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އިތުރު ތަހުލީލްތަކެއް ކުރާނެއެވެ.