މިސްރުގެ ސުއޭޒް ކެނަލްގައި އެވާ ގިވެން ނަމަކަށް ކިޔާ ބޯޓެއް ބީހިގެން ދުނިޔޭގެ ވިޔަފާރިއަށް އައި ހުންޓުމުން ސަލާމަތްވިތާ މަސްތަކެއް ވީނަމަވެސް އަދިވެސް އެބޯޓުގައި ހުރި ގިނަ މުދާ ހުރީ މިސްރުގައި ތާށިވެފައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެވާ ގިވެން ފުން ކުރެވުނު ނަމަވެސް އެބޯޓު މިސްރުން ފުރުން ވަނީ މަނާކޮށްފައެވެ. އެހެންވެ ބޯޓު އަދިވެސް އޮތީ މިސްރުގައެވެ.

މާޗް މަހު އެވާ ގިވެން ސުއޭޒް ކެނަލްގައި ބީހުމަކީ ފަހުގެ ތާރީޚެއްގައި ބައިނަލްއަޤުވާމީ ވިޔަފާރި ދަތުރުތަކަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އެވާ ގިވެން އަށް މުދާ ބަރުކޮށްފައި ހުރި ކުންފުނިތަކުގެ ތެރެއިން އަދިވެސް މުދާ ނުލިބޭ ކުންފުނިތަކުގެ ތެރޭގައި ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ސާމާނު އުފައްދާ އިކިއާ އާއި އަދި ލެނޯވޯ ކުންފުނީގެ މުދާ ހިމެނެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ބައިސްކަލް އުފައްދާ ކުންފުންޏެއް ކަމަށްވާ ޕާސަން 1860 އަދި ސްނަގީ ޔޫކޭގެ މުދާތައް ވެސް ވަނީ މިސްރުގައި ތާށިވެފައެވެ.

ޕާސަން 1860 އިން ބުނީ އެވާ ގިވެން އަށް ބަރުކޮށްފައި ހުރި އެކުންފުނީގެ މުދާތައް އަލުން އަނބުރާ މިއަހަރު ވެސް ލިބިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. އެހެންކަމުން އިންޝްއަރެންސް މެދުވެރިކޮށް މުދަލުގެ އަގު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.

އެވާ ގިވެން ބީހުނުއިރު އެބޯޓުގައި 18300 ކޮންޓޭނަރު ހުއްޓެވެ. މިސްރު ސަރުކާރުން އެބޯޓު ހިފަހައްޓާފައި ވަނީ މިސްރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 916 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް ބޯޓު އޮޕަރޭޓް ކުރާ ޖަޕާންގެ ޝޯއީ ކިސެން އިން ދަނީ އެއަދަދުގެ ގެއްލުމުގެ ބަދަލެއް ދޭން ދެކޮޅު ހަދަމުންނެވެ.

އެވާ ގިވެން އޮޕަރޭޓް ކުރާ ކުންފުނިންނާއި އަދި އިންޝްއަރެންސް ކުންފުނިން ވެސް މިސްރު ސަރުކާރާއި ވާހަކަ ދައްކަމުން ދަނީ ގެއްލުމުގެ ބަދަލުގެ ގޮތުން އެވްރެޖް އަދަދެއް ހަމަޖެއްސުމަށެވެ. ނަމަވެސް ގެއްލުމުގެ ބަދަލާއި ގުޅޭ ގޮތުން އެއްބަސްވުމަކަށް އަންނަން އަދިވެސް އެތައް ދުވަހެއް ފާއިތުވެގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެވާ ގިވެން ފުން ކޮށްގެން ދަތުރުކޮށްފައި ގޮސް ބަނދަރު ހުރީ ސުއޭޒް ކެނަލްއާއި ގުޅިފައި ހުންނަ ގްރޭޓް ބިޓާ ކޯރުގައެވެ. އަދިވެސް އެބޯޓު އޮތީ އެކޯރުގައެވެ.