ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން އިސްރާއިލުގެ އާންމު ރައްޔިތުން އިރުމަތީ ގުދުސް ސަރަހައްދުގެ މަގުތަކަށް ނުކުމެ ފަލަސްތީނުގެ މީހުންނަށާއި އަރަބިންނަށް ފުރައްސާރަކޮށް އިސްރާއިލުގެ ދިދަ ހޫރުވައިފިއެވެ.

މި ހިނގާލުން ކުރިޔަށް ގެންގޮސްފައިވަނީ އެތައް ފަހަރެއްގެ މަތިން ހަމާސްއިން ދީފާނެ ހަމަލާއަަކަށް ބިރުން ހިނގާލުން ފަސްކުރުމަށް ފަހުއެވެ. ބެނެޓުގެ ސަރުކާރުން ހިނގާލުން ބާއްވަން ހުއްދަ ދިނުމާއެކު ހަޔަހޫދީން ވަނީ ޑަމާސްކަސް ގޭޓުން ފެށިގެން މުސްލިމުން އުޅޭ ސަރަހައްދާއި ހިސާބަށް ނަށަމުން، ގޮސްފައެވެ. އެ ހިނގާލުމުގައި ޔަހޫދީން ކޮންމެ ބައިވެރިޔަކު ދިދައެއް ހިފައިގެން ހުރެ ގޮވަމުން ދިޔައީ "މިއީ އަހަރެމެންގެ ބިމެއް" މިފަދައިންނެވެ.

މި ހަރަކާތުގައި ބައިވެރިވީ ފަރާތްތަކަށް އިސްރާއިލުގެ އަނިޔާވެރި ސިފައިން ވަނީ ރައްކާތެރިކަން ކަށަވަރު ކޮށްދީފައެެވެެ. އިސްރާއިލުގެ ސިފައިން ދިޔައީ ޔަހޫދީން ހިނގަމުން ދިޔަ މަގުތައް ދައްކާ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދިޔަ ފަލަސްތީނުގެ ރައްޔިތުން ދުުރުކޮށްފައެވެ. އެ ހިނގާލުމާއި ދެކޮޅަށް ނުކުތް ފަލަސްތީނުގެ އާންމު ރައްޔިތުންގެ ސަފުތައް ފޫ އަޅުވާލުމަށް ބޮން ފަދަ ބާރުގެ ބޭނުންތައް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި މުޒާހަރާގެ ތެރެއިން ފަލަސްތީނުގެ 33 މީހަކަށް އަނިޔާވެފައިވެއެވެ.

މިއީ 1967 ވަނަ އަހަރުގެ ތެރޭގައި އަރަބިންނާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމާގައި އިރުމަތީ ގުދުސް އިސްތިއުމާރު ކުރިކުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހިނގާލުމެކެވެ. ޔަހޫދީން ވަނީ އެ ސަރަހައްދުގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ތަޅުލައި، މިސްކިތަށް ގެއްލުންދީ، އަދި އެސަރަހައްދުގައި ދިރިއުޅެމުންދިޔަ އާއިލާތައް މަގުމަތިކޮށް އެ ސަރަހައްދުގައި ޔަހޫދީންގެ ދީނީ ޕާކެއް އަޅަން ނިންމައިފައެވެ.