ޗައިނާގައި ހުރި ނިއުކްލިއާ ޕްލާންޓެއް ލީކްވެ ރޭޑިއޯއެކްޓިވް ގޭސް ބޭރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓަކުން ބުނެފިއެވެ.

އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓުގައިވާ ގޮތުން ލީކް ވަނީ ޗައިނާގެ ދެކުނު ގުއަންޑޮންގް ޕްރޮވިންސްގައި ހުރި ޓައިޝަން ނިއުކްލިއާ ޕްލާންޓުންނެވެ. މި ޕްލާނުން ރޭޑިއޯއެކްޓިވް ގޭސް ލީކްވަމުން އަންނަތާ ދެ ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އެ ނިއުކްލިއާ ޕްލާންޓަކީ ފްރާންސް ބައެއްގެ ބައިވެރިވުން ވެސް އޮވެގެން ޗައިނާގައި ހިންގަމުން އަންނަ ޕްލާންޓެއް ކަމަށްވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން އެމެރިކާގެ އެޖެންޓުން މީގެ ހަފްތާއެއް ކުރިން ވަނީ އެ ތަނުގެ ހާލަތު ބަލައި މޮނިޓަކޮށްފައެވެ. މިކަމުގެ ސަބަބުން ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށާއި އެ ފެސިލިޓީ މިވަގުތު އޮތީ "ކްރައިސިސް ލެވެލް" އެއްގައި ނޫން ކަމަށް އެމީހުން ބުނެއެވެ.

މިކަމާ ގުޅިގެން ފްރާންސްގެ ފާމުން ހޯމަ ދުވަހު ބުނެފައި ވަނީ އެ ތަނުގައި ހިނގަމުން އަންނަ ކަމެއް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފްރާންސްގެ އީޑީއެފް އިން ހާމަކުރާ ގޮތުގައި ނޯބަލް ގޭސް ފުދޭ ވަރަކަށް ގިނަވެފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ. ނޯބަލް ގޭސް ލީކްވުމަކީ ނިއުކްލިއާ ޕްލާންޓުން ކޮންމެވެސް އެއްޗެއް ލީކްވުމުން މެދުވެރިވާ ކަމެއް ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ނަމަވެސް ޗައިނާގެ ޖެނެރަލް ނިއުކްލިއާ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ ޓައިޝަން ނިއުކްލިއާ ޕަވަ ޕްލާންޓް ހުރީ އާންމުކޮށް ހުންނަ ހާލަތުގައި ކަމަށެވެ.

ޗައިނާގައި 47 ނިއުކްލިއާ ޕްލާންޓެއް ހުންނަ އިރު އެ ޕްލާންޓުތަކުގެ ކެޕޭސިޓީއަކީ 48.75 މިލިއަން ކިލޯވޮޓްސްއެވެ. އެ ނިއުކްލިއާ ޕްލާންޓުތައް ބޭނުންކޮށްގެން އެތައް ބިލިއަން ޑޮލަރު ވަނީ އިންވެސްޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު