އަލުން އިއާދަނުކުރެވޭނެ މިންވަރަށް ދުނިޔޭގެ ހޫނުމިން މައްޗަށް ގޮސްފައިވާ ކަމަށް އާކްޓިކްގައި މިހާތަނަށް ކުރި މިކަމާއި ގުޅޭ އެންމެ ބޮޑު ދިރާސާ ކުރި ސައިންސްވެރިން ބުނެފިއެވެ.

މި ދިރާސާގައި 20 ގަައުމަކުން 300 އެއްހައި ސައިންސްވެރިން ބައިވެރިވެފައިވާ އިރު، އޭގެ ތެރެއިން ސައިންސްވެރިޔާ މާކްސް ރެއިން ބުނީ އާކްޓިކްގެ ގަނޑުފެންތައް މީގެ ކުރިން ދުވަހަކުވެސް ނުވިރޭހާ އަވަސްމިނުގައި މިހާރު އަންނަނީ ވިރެމުން ކަމަށެވެ. މި ނަތީޖާ ހޯދިފައިވަނީ ދުނިޔޭގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލު ދެނެގަތުމަށް ނޯތް ޕޯލްގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ދިރާސާއިންނެވެ.

"އެއްވެސް ވަރަކަށް އާކްޓިކްގައި ގަނޑުފެން ނެތް ހޫނު މޫސުމެއް އަތުވެދާނެ ކަމުގެ ހެކިތަކެއް ފެނިފައި އެބަހުރި. ވަރަށް އަވަހަށް އެފަދަ ދުވަހެއް ފެންނާނެ ކަމުގެ ހެކި ފެނިފައި ހުރި އިރު، ދުނިޔެ ހޫނުވުމުގެ މައްސަލަ މިހާރު މިއޮތީ އަލުން އިއާދަ ނުކުރެވޭނެ ހާލަތަކަށް ގޮސްފަ" ދިރާސާއާ ގުޅިގެން ހޯދިފައިވާ މައުލޫމާތު ޖަރުމަނުގެ ބާލިންގައި ހާމަ ކުރަމުން މާކްސް ރެކްސް ބުންޏެވެ.

ސައިންސްވެރިން ފުޅާ ނަޒަރަކުން ދުނިޔޭގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލު ދިރާސާ ކުރުމަށް ފަހު ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އާކްޓިކް ކަނޑުގެ ދިރުންތައް ނެތި ހިނގައިދާނެ ކަމުގެ ހެކިތަކާއި، ގަނޑުފެން ނެތް ހޫނު މޫސުމެއް ވަރަށް އަވަހައް އައިސްދާނެ ކަމުގެ ހެކިތައް ހޯދިފައިވެއެވެ. އޭގެ އިތުރުން މި ދިރާސާ ޓީމުން ވަނީ 1،000 އަށް ވުރެ ގިނަ ގަނޑުފެނގުގެ ސާމްޕަލުގެ 150 ޓެރަބައިޓްގެ މައުލޫމާތު ހޯދާފައެވެ. މި ނެގުނު މައުލޫމާތުން އެޓްމޯސްފެއާ، ކަނޑުތަކާއި، މޫދުގައި ހުންނަ ގަނޑުތަކުގެ އިތުރު މައުލޫމާތު ހޯދިގެން ދާނެއެވެ.

އާކްޓިކްގައި ހުރި ގަނޑުފެންތަކުގެ ބޯމިން މިހާރު 1890ގެ އަހަރުތަކުގައި ހުރި ވަރަށް ވުރެ ދެބައި ކޮށްފަ އެއްބައި ތުނިވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ފިނިހޫނުމިން ވެސް 10 ޑިގްރީއަށް މަތިވެއްޖެ ކަމަށް ދިރާސާގެ އަލީގައި ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމް ޒާހިރު

    ޙަޤީޤަތުގައި ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން މި ބަދަލުގެ ވާހަކަތައް ދައްކަން ފަށައި މީގެ ނުރައްކާތެރިކަމުގެ އިންޒާރުތައް ދީފައިވާއިރު ހޫނުމިން މަތިވާ މައްސަލަތަކަށް ބަދަލެއް ގެނައުމަށް ބަހުން ނޫނީ ކަމެއްކޮށްފައިވާކަމަކަށް ޤަބޫލެއް ނުކުރެވޭ. މިއީ ދިގު ވާހަކައެއް