އިސްރާއީލް ސިފައިންނަށް ހަމަލާދޭން އުޅުނު ފަލަސްތީނުގެ އަންހެނަކު ޝަހީދު ކޮށްލައިފިއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ނެރެފައިވާ ބަޔާނަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ ޝަހީދު ކޮށްލާފައިވަނީ އިސްރާއީލްގެ ސިފައިން ފޯރި މަރަމުން އައި ސަރަހައްދަކަށް ކާރު ވައްދައި ކާރުން ސިފައިން ގައިގައި ޖައްސަ އުޅެނިކޮށެވެ.

އެވަގުތު ކާރުން ސިފައިން ގައިގައި ނުޖެއްސުމުން ވަޅިން ހަމަލާ ދޭން މަސައްކަތް ކުރި ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އެ އަންހެން މީހާގެ ގަޔަށް އެކި ފަހަރުމަތިން އިސްރާއީލް ސިފައިން ވަނީ ބަޑި ޖަހާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ފަލަސްތީނުގެ އަވަށެއް ކަމަށްވާ ހިޒްމޭގައެވެ.

"ނިރުބަވެރިއަކު ސިފައިންގެ ގައިގައި ކާރުން ޖައްސަން މަސައްކަތް ކުރި. އަދި ވަޅިން ހަމަލާދޭން ވެސް އޭނާ މަސައްކަތް ކުރި" އައިޑީއެފްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ މީޑިއޯތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި ޝަހީދުވެފައިވަނީ އަބޫދިސް އަވަށުގައި އުޅެމުން އަންނަ އުމުރުން 29 އަހަރުގެ މޭއި އަފާނާ ނަމަކަށް ކިޔާ އަންހެނެކެވެ.

މި ހާދިސާގައި އިސްރާއީލުގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އެ އަންހެން މީހާ ނިޔާވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން އަންނަނިކޮށް ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުން އަނެއްކާ ވެސް ޣައްޒާއަށް ބޮމުގެ ހަމަލާތައް ދޭން ފަށާފައިވާއިރު، އިއްޔެ އައިޑީއެފްގެ ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ދެމެދުގެ ހަމަނުޖެހުމެއްގައި ކުޑަ ކުއްޖަކު ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު