ފްރާންސުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމު ތަންތަނަށް އެއްވެ އުޅޭ އިރު މާސްކު އެޅުން މަޖުބޫރުކުރާ އުސޫލަށް ބަދަލު ގެންނަން ނިންމައިފިއެވެ.

ފްރާންސުގެ ބޮޑުވަޒީރު ޖީން ކާސްޓެންް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާންމު ތަންތަނަަށް މާސްކު ނާޅާ އުޅެވޭނެ ކަމަށެވެ. މި އުސޫލުން ހުއްދަ ކުރި ނަމަވެސް، ފުޓްބޯޅަ ސްޓޭޑިއަމް އާއި އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާއިރު ތިބެން ޖެހޭނީ މާސްކު އަޅައިގެން ކަމަށް ވިދާޅުވެފައިވެއެވެ. އަދި އަންނަ އާދިއްތަ ދުވަހު ކާފިއު ވެސް އުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވަނީ އެކަން ކުރުމަށް ކަނޑައަޅާފައިވާ ތާރީހަށް ވުރެ 10 ދުވަސް ކުރިންނެވެ. މި އުސޫލަށް ބަދަލު ގެނެވިގެން ދަނީ އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދަށްވެފައި ވުމުންނެވެ. އަންގާރަ ދުވަހު އެގައުމުން ކޮވިޑަށް ފައްސިވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 3،200 މީހުންނެވެ. މިއީ 2020ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިހާތަނަށް އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވީ ފުރަތަމަ ދުވަހެވެ.

ކޮވިޑް ވޭދަނަތައް މަދުވުމުގެ އިތުރުން އެގައުމުގައި ގިނަ ބަޔަކު ވަނީ ވެކްސިން ޖަހައިފައެވެ. ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވަނީ ވެކްސިން ޖަހާފައިވާ މީހުންގެ އިންސަައްތައަަށް ވެސް ބަލާފައެވެ. އެގައުމުގައި މިހާތަނަށް 44.3 މިލިއަން މީހުންނަށް ވެކްސިން ޖަހާފައިވާއިރު އޭގެ ތެރެއިން 14.4 މިލިއަން މީހުން ވަނީ ވެކްސިނުގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެގައުމުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އިންސައްތަ އަކީ 21.4 އެވެ.