އެފްރިކާގެ ގައުމުތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު އޮކްސިޖަން ނުލިބިގެން މަރުވަމުންދާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އޮކްސިޖަން ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ އެފްރިކާގެ އެއްގައުމަކީ ސޯމާލިއާއެވެ. ސީއެންއެންއަށް މައުލޫމާތު ދިން ސޯމާލިއާގެ ޑޮކްޓަރަކު ވިދާޅުވީ އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ ކޮންމެ ދިހަ މީހުނަކުން ފަސް މީހުން މަރުވަމުން ދަނީ އޮކްސިޖަން ނުލިބިގެން ކަމަށެވެ.

ސޯމާލިއާގައި އޮކްސިޖަން ޕްލާންޓެއް ނެތެވެ. އޮކްސިޖަން ލިބުމުގެ ދަތިތައް ކުރިމަތިވެފައިވާ އެހެން ގައުމުތަކަށް ބަލާއިރު އިތިއޯޕިއާ އަށް ވެސް ވަނީ މިމައްސަލަ ކުރިމަތިވެފައެވެ. އިތިއޯޕިއާގައި ކޮންމެވެސް ވަރަކަށް އޮކްސިޖަން ޕްލާންޓްތައް އެބަހުއްޓެވެ. ނަމަވެސް އެކަށީގެންވާ ވަރަށް އިތިއޯޕިއާގައި ވެސް އޮކްސިޖަނެއް ނުއުފެއްދެއެވެ. އަދި ދުރު ހޮސްޕިޓަލްތަކަށް އޮކްސިޖަން ސަޕްލައި ކުރަން ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

ސީއެންއެން އިން ބުނާ ގޮތުގައި އޮކްސިޖަން ނުލިބިގެން އެފްރިކާގެ ގައުމުތަކުން މަރުވަމުންދާ މީހުންގެ ސީދާ އަދަދެއް ރަސްމީ އިދާރާތަކަކަށް ވެސް ނޭނގެއެވެ. ނަމަވެސް އޮކްސިޖަން ނުލިބުމުގެ މައްސަލަ ފަގީރު ގައުމުތަކަށް ކުރިމަތިވެފައިވާ އެހީދޭ ޖަމިއްޔާތަކުން ވެސް ބުނެއެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އެވްރީ ބްރީތު ކައުންޓްސް" އިން ބުނީ ފަގީރު 18 ގައުމަކަށް އޮކްސިޖަން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. ޖީ20 ގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ ސަމިޓްގައި ފަގީރު ގައުމުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ގެންގޮސްފައި ނުވާކަން އެޖަމިއްޔާ އިން ފާހަގަ ކުރެއެވެ. ނަމަވެސް މިހަފްތާގައި ބޭއްވި ޖީ07 ބައްދަލުވުމުގައި ގައުމުތަކުގެ ވެރިން ވަނީ ފަގީރު ގައުމުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި އެފްރިކާގެ ގައުމުތަކަށް ކޮވިޑާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް މުއްސަނދި ގައުމުތަކުން އެކަށީގެންވާ ވަރާއި ގާތަކަށް ވެސް އެހީތެރިކަން ފޯރުކޮށެއް ނުދެއެވެ. އެހެންކަމުން އެފްރިކާ ބައްރުން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ހިނގައިދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު