އާތުރައިޓިސް ނުވަތަ ރާއްޖެ ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ ޓޮފަސިޓިނިބް ކޮވިޑް ބަލީގައި ހާލު ގޯސްވާ ނުވަތަ އެޑްމިޓް ކުރަން ޖެހުނު މީހުންނަށް ދިނުމުން އެމީހުން ކޮވިޑްގައި މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި އާއްމު ކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޓޮފަސިޓިނިބް ބޭސް ކޮވިޑް ބަލި މީހުންނަށް ދީގެން ދިރާސާ ކުރިއަށް ގެންދިޔައީ ކޮވިޑަށް ވެކްސިނެއް އުފައްދާފައިވާ ފައިޒާ ކުންފުންޏާއި ދަ އެކަޑަމިކް ރިސާޗް އޮގްނައިޒޭޝަން (އޭއާރްއޯ) ގުޅިގެން ކަމަށެވެ.

މިދިރާސާ ކުރިއަށް ގެންދިޔައީ ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ އެއް ގައުމު ކަމަށްވާ ބްރެޒިލްގެ އިސްރައެލީޓާ އެލްބާޓް އެއިންސްޓައިން ހޮސްޕިޓަލްގައެވެ. ދިރާސާގައި ވަނީ ކޮވިޑް އަށް ފައްސިވެ ނިއުމޯނިއާ ޖެހުނު 289 ބަލި މީހަކަށް މިބޭސް ދީފައެވެ. ބޭސް ދިނީ ވެންޓިލޭޓަރަށް ލާން ނުޖެހޭ ބަލި މީހުންނަށެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ދެބައިކޮށްފައި އެއްބައި މީހުންނަށް އެ ބޭހުގެ 10 މިލިގްރާމް ދުވާލަކު ދެ ފަހަރު ދިނެވެ. ބާކީ ތިބި މީހުންނަށް އެ ބޭސް ދީފައެއް ނުވެ އެވެ.

ބޭސް ބޭނުން ކުރި މީހުންގެ ތެރެއިން 28 ދުވަސް ފަހުން ހާލު ގޯސްވީ %18.1 މީހުންނެވެ. ބޭސް ބޭނުން ނުކުރާ މީހުންގެ ތެރެއިން %29 ހާލު އިތުރަށް ގޯސްވި އެވެ. އެހެންކަމުން މި ބޭސް ބޭނުން ކުރުމުން ބަލީގައި މަރުވުމުގެ ނުރައްކާ %63 ކުޑަކޮށްދޭކަން ދިރާސާ އިން ވަނީ ދައްކާފައެވެ.

މި ބޭސް ދިން މީހުންގެ ތެރެއިން މަރުވެފައި ވަނީ %2.8 މީހުންނެވެ. ބޭސް ބޭނުން ނުކުރާ މީހުންގެ ތެރެއިން %5.5 މީހުން ކޮވިޑްގައި މަރުވިއެވެ.

ބޭސް ބޭނުން ކުރުމުން މަރުވާ މީހުންގެ ނިސްބަތް މަދުކުރެވުނު ނަމަވެސް ބޭސް ބޭނުން ކުރުމުން %14.1 މީހުންނަށް ސީރިއަސް ސައިޑް އިފެކްޓްތައް ކުރިމަތިވިއެވެ.

ފައިޒާގެ ޗީފް މެޑިކަލް އޮފސަރު ޓަމަސް ކޯންޒް ވިދާޅުވީ ކޮވިޑް-19 އަށް އަދިވެސް ބޭހެއް ހޯދިފައި ނެތުމުންނާއި އަދި ބަލި ފެތުރުން ވެސް ކޮންޓްރޯލް ކުރެވިފައި ނުވުމުން ލިބެން ހުރި ބޭސްތައް ބޭނުންކޮށްގެން ދިރާސާތައްކޮށް އެންމެ ރަނގަޅު ފަރުވާއެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމަސައްކަތުގެ ދަށުން މިހާރު ޓޮފަސިޓިނިބް އަކީ ވެސް ބޭނުން ކުރެވިދާނެ ބޭހެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިބޭސް ކޮވިޑް ޖެހޭ މީހުންނަށް ދިނުމަށް ގައުމުތަކުގެ ރަސްމީ އިދާރާތަކުން އެންގުމުގެ ކުރިން އަދިވެސް އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ޓަމަސް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ބޭހެއް ހޯދުމަށް މިހާރު ވެސް ވަރަށް ގިނަ ބޭސްތަކުގެ ތަހްލީލްތައް ސައިންސްވެރިން އަންނަނީ އެކި ގައުމުތަކުގައި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު