ކޮވިޑް-19 ފެތުރުނު ގޮތް ބެލުމަށް ކުރާ ތަހުގީގައި އެމެރިކާ އަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ ޗައިނާގެ ތަޖުރިބާކާރަކު ބުނެފިއެވެ.

ޗައިނާގެ ބަލިތަކާ ބެހޭ އިސް ތަޖުރިބާކާރަކު ވިދާޅުވީ ކޮވިޑުގެ އަސްލު ހޯދުމަށް ކުރާ ތަހުގީގުގެ ދެ ވަނަ ފިޔަވަހީގައި އެމެރިކާ އަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އޭނާ މިހެން ބުނެފައިވަނީ އެންމެ ފަހުން ހާމަކޮށްފައިވާ ރިޕޯޓުގައި ކޮރޯނާވައިރަހަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން އެހެން ގައުމަކުން ޗައިނާ އަށް ފެތުރިފައިވާ ވައިރަހަކަށް ވުމީ އެކަށީގެންވާ ކަމެއް ކަމުގައި ބުނެފައިވާތީއެވެ.

މި ހަފްތާގައި އދ. ގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތް (އެންއައިއެވް)އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ އެމެރިކާއިން ރަސްމީކޮށް މީހަކު ކޮވިޑަށް ފައްސިވިކަން ހާމަކޮށްފައިވުމުގެ ކުރިން 7-5 މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯ އާއި ޗައިނާ ގުޅިގެން ދިރާސާކޮށް މާޗް މަހު ހާމަކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުން ވައިރަސް އިންސާނުންނަށް ޖެހިފައިވަނީ ޖަނަވާރުގެ ފަރާތުންނެވެ. ނަމަވެސް، ޗައިނާއިން ބުނަމުންދަނީ އެގައުމުގައި ކޮވިޑް ފެތުރެން ފަށާފައިވަނީ އެގައުމަށް އިމްޕޯޓު ކޮށްފައިވާ މަހުގެ ބާވަތެއްގެ ސަބަބުން ކަމަށެވެ.

ޗައިނާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަންއިން ބުނަނީ ކޮވިޑް ފެެތުރެން ފެށި ދުވަސްތަކުގައި އެމެރިކާއިން ޓެސްޓު ކުރިވަރު ދަށް ކަމަށާއި، އެގައުމަކީ ސައިންސުން ކުރިއަރާ ބިއޮލޮޖިކަލް ލެބޯޓަރީ ތަކުގެ ހަބަކަށް ވާތީ އެގައުމަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގް ހިންގަން ޖެހޭ ކަމަށެެވެ.

ކޮވިޑް އާލަމީވަބާއާ ގުޅިގެން ޗައިނާ އާއި އެމެރިކާއަށް ވަނީ ބާރު ބޮޑުވެފައެވެ. ވައިރަހުގެ އަސްލު ހޯދުމަށް އެމެރިކާއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، ތުހުމަތު ކޮށްފައިވަނީ ޗައިނާގެ ލެބޯޓަރީ އަކުން ލީކްވެފައިވާ ވައިރަހެއް ކަމަށެވެ.