މިސްރުގެ ކެބިނެޓަށް ގެނައި ކުއްލި ބަދަލެއްގައި، އެޤައުމުގެ ތާރީޚު ބަދަލުކޮށްލައިފިއެވެ.

މި ބަދަލާއިއެކު، މިހާރު އެޤައުމުގެ އެކި ވުޒާރާތަކަށް އައްޔަންކޮށްފައިވާ އަންހެން މިނިސްޓަރުންގެ ޢަދަދު 8 އަށް އަރާފައިވާއިރު، މިއީ ތާރީޚުގައިވެސް މި ޢަދަދަށް އަންހެން މިނިސްޓަރުން އެޤައުމުގައި އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

މި ބަދަލާއި އެކު މިސްރުގެ ކެބިނެޓްގެ ތިންބައިކުޅަ އެއްބައި، އަންހެން މިނިސްޓަރުން ޙިއްސާކުރާއިރު، އަންހެން މިނިސްޓަރުންގެ ޢަދަދު 8 އަށް އަރާފައިވަނީ މި ހަފްތާފައި ދެ ވުޒާރާއަކަށް ގެނައި ބަދަލާއި އެކުއެވެ. މި ހަފްތާފައި އާ މިނިސްޓަރުން އައްޔަންކޮށްފައި ވަނީ، އެޤައުމުގެ ހެލްތް މިނިސްޓްރީ އަށާއި އެންވާރަމަންޓް މިނިސްޓްރީއަށެވެ.

މިކަމާއި ގުޅިގެން މިސްރުގެ ޤައުމީ އަންހެނުންގެ ކައުންސިލުން އުފާ ފާޅުކޮށްފައިވާއިރު، އެކައުންސިލްގެ މެމްބަރުން ވަނީ މިސްރުގެ ސަރުކާރަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އަދި މިއީ އަންހެނުންނަށް ފުރުސަތު އޮންނާނެ ކަމާއި އަންހެނުންނަށް އިސްކަން ދިނުމުގައި މުޅި ދުނިޔެއަށްވެސް ދައްކައިދިން ނަމޫނާއެއް ކަމަށް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ހެލްތް މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީގެ އިތުރުން މިސްރުގައި އަންހެން ވަޒީރުން އައްޔަންކޮށްފައިވާ ވުޒާރާތަކުގެ ތެރޭގައި ހިމެނެނީ، މިނިސްޓްރީ އޮފް ކަލްޗަރ އާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް ސޯޝަލް ސޮލިޑަރިޓީ އާއި މިނިސްޓްރީ އޮފް އިމިގްރޭޝަން އާއި މިނިސްޓްރީ އޮފް ޕްލޭނިންގ އަދި މިނިސްޓްރީ އޮފް އިންވެސްޓްމަންޓް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން އެވެ.