ދުނިޔޭގެ އެންމެ ބޮޑު ޖަވާހިރުގެ ތެރެއިން ޖަވާހިރެއް ދެކުނު އެފްރިކާގެ ގައުމަކުން ފެނިއްޖެއެވެ.

ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ކަމަށް ބެލެވޭ އެ ޖަވާހިރު ފެނިފައިވަނީ ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ބޮސްވާނާއިންނެވެ.

1098 ކަރަޓް ސްޓޯން ފެނިފައިވަނީ މިމަހުގެ ފުރަތަމަ ކޮޅު ޖަވާހިރު ހޯދުމުގައި މަސައްކަތް ކުރަމުން އަންނަ ޑެބްސްވާނާ ޖަވާހިރު ކުންފުންޏަކުން ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އެ ޖަވާހިރު ބޭނުން ކުރާނީ އެގައުމު ކުރިއެރުވުމަށް ބޭނުންވާ ތަރައްގީ ގެނައުމަށް ކަމަށެވެ.

1982 ވަނަ އަހަރު ހުޅުވާފައިވާ އެ މައިން ކުންފުނިން އަަހަރަކު 12.5 މިލިއަނާއި 15 މިލިއަން ކަރަޓްގެ ޖަވާހިރު މައިން ކުރާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އަލަށް ފެނިފައިވާ އެ ޖަވާހިރަކީ މިހާތަނަށް އެގައުމުގައި ފެނިފައިވާ އެންމެ ބޮޑު ޖަވާހިރު ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މިހާތަނަށް އެއްކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ޖަވާހިރަކީ 3،106 ކަރަޓްގެ ކުލިނަން ޖަވާހިރެކެވެ. އެ ޖަވާހިރަކީ ދެކުނު އެފްރިކާއިން 1905 ވަނަ އަހަރުގެ ފެނިފައިވާ ޖަވާހިރެކެވެ.

ދެން އެންމެ ބޮޑު ޖަވާހިރަކަށް ފެނިފައިވަނީ 1109 ކަރަޓްގެ ޖަވާހިރެކެވެ. އެ ޖަވާހިރު ވެސް ފެނިފައިވަނީ ދެކުނު އެފްރިކާގެ ބޮސްވާނާއިންނެވެ. އެއީ 2015 ވަނަ އަހަރުއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ވެސް އެގައުމުން ވަނީ 1758 ކަރަޓްގެ ސްޓޯނެއް ފެނިފައެވެ.