އިސްރާއީލުން ހުކުރު ވިލޭރޭ އަނެއްކާވެސް ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ޣައްޒާގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގެ ދިހަ ސަރަހައްދަކަށް މިސައިލުންނާއި ބޮމުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން އެންމެ ގިނަ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ހާންޔޫނިސް އަވަށަށެވެ.

އިސްރާއީލުން ހަމަލާތައް ދިނީ ބޮން އަޅާ ޖެޓްތަކުންނާއި ޑްރޯންތަކުން ކަމަށް ޣައްޒާގެ މީޑިއާތަކުން ބުނެއެވެ. ޣައްޒާއަށް ހަމަލާދޭން އިސްރާއީލުން ބޭނުންކުރި ޑްރޯންތަކުގެ ތެރެއިން އެއް ޑްރޯން ވަނީ ޣައްޒާގެ ތެރެއަށް ވެއްޓިފައެވެ.

މިއީ މިދިޔަ މަހު 11 ދުވަަސް ވަންދެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ހުއްޓާލި ފަހުން ޣައްޒާއަށް އިސްރާއީލުން ބޮން އެޅި ދެވަނަ ރެއެވެ. އެންމެ ފަހުން އިސްރާއީލުން ޣައްޒާއަށް ބޮން އެޅީ ބުދަ ވިލޭރޭގައެވެ.

ރޭ ޣައްޒާއަށް ހަމަލާ ދިނީ އިސްރާއީލްގެ ސަރަހައްދެއްގައި ޣައްޒާގެ ބަޔަކު އަލިފާން ރޯކުރުމުން ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެއެވެ. އަލިފާން ރީކުރީ ފުއްޕާހަންތަކެއްގައި އަލިފާން ބޮން ހަރުކޮށްފައި އިސްރާއީލްގެ ސަރަހައްދަށް ފޮނުވައިގެން ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެއެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން އެހެން ބުނިނަމަވެސް އިތުބާރު ކުރެވޭ މީޑިއާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ވަގުތު އިސްރާއީލާއި ޣައްޒާ ގުޅޭ ސަރަހައްދުގެ އަވަށްތަކުގައި ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ސައިރަން އަޅަމުން ދިޔައެވެ. ނަމަވެސް ޣައްޒާ އިން އިސްރާއީލަށް އަމާޒުކޮށް އެއްވެސް ރޮކެޓް ހަމަލާއެއް ދިން ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ރޭ ޣައްޒާ އިން އެއްވެސް މީހަކު ޝަހީދުވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އިސްރާއީލްގެ ހަމަލާތައް މިވަގުތު އޮތީ ހުއްޓިފައި ކަމަށް ޣައްޒާގައި ތިބި ނޫސްވެރިން މައުލޫމާތު ދެއެވެ.

އިސްރާއީލުން ދިން ހަމަލާތަކާއި ގުޅިގެން ހަމާސް ޖަމާއަތުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެނެޓް

    އައްޒަ ކެތް ކޮށްލާ އިނގޭ އައްޒަ އޭ ކެތްކޮށްބެއަ އޭ އައްޒާ ހެޔޮނުވާނެ މަށޭ މީ ކެތްކޮށްބަލަ

  2. ބޮނޑި ބޯނެ

    އިސްރާއީލު ތިއުޅެނީ އީރާން ގެ އައު ރައީސް އިބްރާހިމް ރައީސީ ޓެސްޓު ކުރަން...ފަލަސްތީނައް ބޮންއަޅާއިރު އީރާންގެ މިހާރުގެ ރައީސް ރޫހާނީ ހުންނަނީ ވަރަށް މަޑުން... ނީޖާދުގެ ދައިރު ފަލަސްތީނައް ބޮޑުހަމަލާތަކެއް އިޒްރޭލް ތަންކޮޅެއް
    ޖެހިލުންވޭ...މިފަހަރު އަޖުމަ ބަލާލަނީ

  3. ޞސބ

    ހަމާސް އިން ބުނި ދެން ހަމަލާ ދީފިއްޔާ ކުޅިސަމާ ދައްކާލާނެ ކަމަށް. ފަލަސްތީން ރައްޔިތުން ހަނާވިޔަ ނުދީ އިޚްލާސްތެރި ކަމާއެކު ވަރުގަދަ ރައްދެއްދީ އެބައިމީހުން ބަލިކުރަން ނުކުންނާވީނުން.