ފަހަކަށް އައިސް ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ ކަމަށް އެމެރިކާ އިން ބުނާ އެލްޗަޕޯ ޖަލުގައި ހުންނަތާ މިހާރު ފަސް އަހަރު ވެފައިވީނަމަވެސް އަދިވެސް އޭނާގެ ގޭންގް ކަމަށްވާ ސިނަލޯއާ ކާޓެލްގެ ނުރައްކާތެރިކަން މިހާރު މާބޮޑުވެފައިވާ ކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

މެކްސިކޯގެ ޖަލުތަކުން އެތައް ފަހަރަކު ފިލާފައިވާ އެލްޗަޕޯ އެންމެ ފަހުން 2016 ވަނަ އަހަރު ހައްޔަރު ކުރެވުމުން މެކްސިކޯ އިން ވެސް ވަނީ އޭނާ ޖަލެއްގައި ބެލެހެއްޓުމުގެ ގާބިލްކަން އެގައުމުގައި ނެތްކަމަށް ގަބޫލުކޮށް އޭނާ އެމެރިކާ އާއި ހަވާލުކޮށްފައެވެ. އެލްޗަޕޯ 2017 ވަނަ އަހަރުން ފެށިގެން ހުންނަނީ އެމެރިކާގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ "ސްޕަމެކްސް" ޖަލެއްގައެވެ. އެލްޗަޕޯގެ މައްޗަށް އެމެރިކާ އިން އުފުލި ދިހަ ދައުވާ ވެސް ސާބިތުވެ މިހާރު އޭނާ ގެންދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

އެމެރިކާ އިން ގަބޫލުކުރި ގޮތުގައި އެލްޗަޕޯ ހައްޔަރު ކުރެވުމަކީ މަސްތުވާތަކެއްޗާއި ދެކޮޅު ވިޔަފާރި ހުއްޓުވުމުގައި ހޯދުނު އާދަޔާއި ހިލާފު ބޮޑު ކާމިޔާބެކެވެ. އޭނާ ހައްޔަރު ކުރެވުމާއިއެކު އޭނާގެ ކާޓެލް ރޫޅިގެން ދާނެކަމަށް ސަލާމަތީ ބާރުތަކުން ކުރިން އުއްމީދު ކުރިއެވެ. ނަމަވެސް މިހާރު އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އެލްޗަޕޯ ނެތް ކަމުގެ އުނިކަމެއް ސިނަލޯއާ ކާޓެލްއަކުން ނުފެނެއެވެ.

އެމެރިކާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު މެކްސިކޯ އިން އެމެރިކާ އަށް އެތެރެކުރަނިކޮށް އަތުލައިގަނެވުނީ އެންމެ 2.2 ޓަނުގެ ކޮކޭންއެވެ. 2017 ވަނަ އަހަރު މެކްސިކޯ އިން ހަތަރު ޓަނުގެ ކޮކޭން އެމެރިކާ އަށް އެތެރެކުރަނިކޮށް އަތުލައި ގަނެވުނެވެ. ނަމަވެސް 2020 ވަނަ އަހަރު އަތުލައިގަނެވުނު ކޮކޭންގެ އަދަދު 26 ޓަނަށް އަރައެވެ. އަދި މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށް މެކްސިކޯ އާއި އެމެރިކާ ބޯޑަރުން އަތުލައިގަނެވުނު ކޮކޭންގެ އަދަދު 28.1 ޓަނަށް އަރައެވެ.

ކޮކޭންގެ އިތުރުން ދެން ސިނަލޯއާ ކާޓެލް އިން އެންމެ ގިނައިން ވިއްކާ މަސްތުވާތަކެތީގެ ބާވަތަކީ މެތު އެވެ. 2015 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯ ބޯޑަރު ކައިރިން އަތުލައިގަނެވުނު މެތުގެ އަދަދަކީ 13 ޓަނެވެ. އޭގެ ފަސް އަހަރު ފަހުން މިއަހަރު އަތުލައިގަނެވުނު މެތުގެ އަދަދު މިހާރު ވެސް ވަނީ 53 ޓަނަށް އަރާފައެވެ.

މެކްސިކޯގައި އުފައްދާ ކޮކޭންގެ ބޮޑު އިންސައްތަ އަކީ ސިނަލޯއާ ކާޓެލް އިން އުފައްދާ ކޮކޭން އެވެ. އެހެންކަމުން އެމެރިކާގެ ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި ބޯޑަރު ކައިރިން އަތުލައިގަނެވޭ ކޮކޭން އާއި މެތުގެ އަދަދު އިތުރުވަމުން ދިއުމަކީ ސިނަލޯއާ ކާޓެލް މާބޮޑަށް ވެސް މިހާރު ވަރުގަދަ ކަމުގެ ހެއްކެކެވެ.

މީގެ އިތުރުން އެގޭންގުން އެކި މީހުންނަށް ދެމުން ގެންދާ ހަމަލާތައް ވެސް މިހާރު ވަނީ ކުރިއަށް ވުރެ ގިނަވެފައެވެ.

ދުވާލަކު އެންމެ ގަޑިއިރެއް ފިޔަވައި އެހެން ހުރިހާ ވަގުތެއް ހަތް ފޫޓް 12 ފޫޓް ކުޑަ ގޮޅިއެއްގައި އެލްޗަޕޯ ބަންދުކޮށްފައި އޮންނައިރު ވެސް އޭނާގެ ގޭންގް ވަރުގަދަ ވަމުން އަންނަނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ.

މެކްސިކޯގެ ތަޖުރިބާކާރަކު ބުނީ އެލްޗަޕޯ ނެތުމުން މިހާރު ސިނަލޯއާ ކާޓެލްގެ "ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ." އެލްޗަޕޯ ލީޑަރަކަށް ހުރިއިރު އޭނާ ކޮންޓްރޯލް ކުރާ ކަންތައްތަކެއް ހުރިކަމަށާއި ނަމަވެސް މިހާރު އޮތީ "ޖެހުނު ގޮތަކަށް ހޯދުން" ކަމަށް އޭނާ ވިދާޅުވިއެވެ. ގޭންގްގެ ނުރައްކާތެރިކަން އިތުރުވެ ވިޔަފާރި ފުޅާވެފައި ވަނީ އެހެންވެކަމަށް އޭނާ ބުނެއެވެ. ސިނަލޯއާ ކާޓެލްގައި މިހާރު އެންމެ އިސްކޮށް ތިބެނީ އެލްޗަޕޯގެ ދެދަރިން ކަމަށް ވެއެވެ.

އެމެރިކާ އިން މިހާރު ވަނީ އެލްޗަޕޯގެ އަންހެނުން ވެސް ހައްޔަރުކޮށްފައެވެ. އެލްޗަޕޯގެ އަންހެނުން ވަނީ އަދަބު ލުއިކުރުމުގެ އެއްބަސްވުމެއްގެ ދަށުން އެމެރިކާގެ އޮފިޝަލުންނަށް އެއްބާރުލުންދޭން ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަށްވެހި ފަތިސް

    އަހުރެން ދޮޅި އަހަރު މިކަނޑާލަނީ ދެކުދިންނާ އަނބިމީހަޔާއެކު ތިބުނި ވަރު ގޮޅިއެއްގައި

    15
    1
  2. ލޭޓް ޕަބްލޯ

    ހަމަ ތިގޮތް މިތާނގަވެސް. މިތާންގެ ޗައްޕޫ މަނީލޯންޑައރިންގެމައްސަލާގައި ޖަލުގަބަންދުކޮށްފަ އިހަށްދުވަހު ގޭބަންދަށް ބަދަލުކުރިއަސް އޭނަގެ ގޭންގުގެ ނުރައްކާ އަންނަނީ ބޮޑުވަމުން

    19
    7
  3. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ބަރާބަރު. ތާއްޖޭގެ ކުންފުނިތަކުގަވެސް ނުހައްގުން ބޭނުންހާގޮތަކަށް ހަދާލާ ސްޓާފުން އެބައުޅޭ، ކުންފުނިން އެ ސްޓާފް ބޭރުކޮށްލީމަ އެކަންކުރި ބަޔަކަށް އޭނަގެ ގޭންގާ ރައްޓެހިން ހަމަ މިހެން ހަދަން އެބަޖެހޭ.

  4. ޙަގީގަތް

    ޢަހަރެންނާ އަންހެނުންނާ 2ކުދިންނާ ޖުމުލަ 4މީހުން ދިރި އުޅެނީ 8ފޫޓު 8ފޫޓުގެ ފާހާނަވެސް ނުހުންނަ ކޮޓަރި އެ އްގަ މިހާރު 4 އަހަރު އެނެ އްކާ މިހާރު މިމަހު 3 ވަނަ ކު އްޖާ ލިބި އްޖެ އަދިވެސް މި އުޅެންޖެހެނީ ހަމަ އެކޮޓަރީގަ