ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށީ އެމެރިކާގައި ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން އެކަން އިތުރަށް ތަހްގީގު ކުރުމަށް އެމެރިކާގައި ކޮވިޑް ފުރަތަމަ ފެތުރިގެން އައިގޮތް ތަހްގީގު ކުރަން ޗައިނާގެ ސީނިއާ އެޕިޑޮމޮލޮޖިސްޓަކު ގޮވާލައްވައިފިއެވެ.

ޗައިނާގެ ސީނިއާ އެޕިޑޮމޮލޮޖިސްޓަކު މިކަމަށް ގޮވާލެއްވީ ޗައިނާ އިން ކޮވިޑް ފެނުމުގެ ދުވަސްތަކެއް ކުރިން އެމެރިކާގެ ބައެއް މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް ހެލްތުން މިދިޔަ ހަފްތާގައި ބުނުމުންނެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް ފޯ ހެލްތުން މިދިޔަ ހަފްތާގައި އާއްމުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ އެމެރިކާ އިން ފުރަތަމަ ކޮވިޑް ވޭދަނައެއް ރިޕޯޓް ކުރުމުގެ ދުވަސްތަކެއް ކުރިން އެމެރިކާގެ ބައެއް މީހުންގެ ގައިން ކޮވިޑް ވައިރަސްގެ އަސަރު ފެނިފައިވާ ކަމަށެވެ. އެމެރިކާގެ ފަސް ސްޓޭޓެއްގެ ހަތް މީހަކަށް ކޮވިޑްގެ ވޭދަނައެއް ރިޕޯޓް ކުރުމުގެ ހަފްތާތަކެއް ކުރިން ކޮވިޑް ޖެހިފައިވާކަން ދިރާސާ އިން ކަށަވަރު ކުރެވިފައިވެއެވެ. އެދިރާސާ ކޮށްފައި ވަނީ ލޭ ހަދިޔާ ކޮށްފައިވާ މީހުންގެ ލޭ ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ކޮވިޑް ފުރަތަމަ ފެތުރުނީ ޗައިނާގައި ޖަނަވާރުންގެ ގައިން އިންސާނުންގެ ގަތަށް ވައިރަސް އަރައިގެން ކަމަށް ކުރިން އޮތީ ލަފާ ކުރެވިފައެވެ. ނަމަވެސް ޗައިނާ އިން ކޮވިޑް ފެނުމުގެ ކުރިން އެމެރިކާ އާއި އިޓަލީވިލާތުން ކޮވިޑް ފެނުނުކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.

އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި ކޮވިޑް ފުރަތަމަ ފެތުރުނީ ޗައިނާގެ ލެބޯޓްރީއަކުން ވައިރަސް ލީކް ވެގެންނެވެ. ނަމަވެސް ޗައިނާ އިން އަންނަނީ ތަކުރާރުކޮށް ތުހުމަތުތައް ދޮގު ކުރަމުންނެވެ.

ޗައިނާގެ ސީނިއާ އެޕިޑޮމޮލޮޖިސްޓް ޒެންގް ގުއަންގެ ޗައިނާގެ ގްލޯބަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑްގެ އަސްލު ހޯދުމަށް ޗައިނާ އަށް ދީފައިވާ ސަމާލުކަން އެމެރިކާ އަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ކޮވިޑްގެ އަސްލު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. ސަބަބަކީ ކުރިއަށް އޮތްތަނުގައި އިތުރަށް ބަލި ފެތުރުން ހުއްޓުވަން އެއީ މުހިއްމު ކަމަކަމަށް ވާތީއެވެ. ނަމަވެސް ކޮވިޑްގެ އަސްލު ހޯދަން މިހާތަނަށް ކުރި މަސައްކަތުން އަދި އެއްވެސް ކާމިޔާބެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމުގެދަރި

    ތިޔަ ދަނީ ރަނގަޅަށް. ކަންކަން ބަރާބަރަށް ރަނގަޅަށް ބަލައި ހޯދައި ނިމޭއިރު އެމެރިކާގެ އަތެއް މިކަމުގައިވާނެ. ރަނގަޅަށް ވިއްޔާ ކެމިކަލް ހަތިޔާރު އުފެއްދުމަށް ހަދާފައި ހުރި އެއްޗަކަށްވާނީވެސް.

    21
    1
  2. ރަނގަޅުގޮތް

    އާދަމުގެދަރި . ކެމިކަލް ހަތިޔާރެއްނޫން. ބަޔޮލޮޖިކަލް ހަތިޔާރު ނުވަތަ ޖަރާސިމް ހަތިޔާރު.

    13