ކޮވިޑް-19 ގެ އާ ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓް މުޅި ދުނިޔެއަށް ފެތުރެމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

އިންޑިއާ އިން ފުރަތަމަ ފެނިފައިވާ ޑެލްޓާ ވޭރިއެންޓް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރެމުންދާކަމަށް ބުނެފައި ވަނީ ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓެވެ. މި ވޭރިއެންޓް މިހާރު ދުނިޔޭގެ އާބާދީ ބޮޑެތި ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތް، ޖަރުމަންވިލާތް ފަދަ ގައުމުތަކަށްވެސް ވަނީ ފެތުރިފައެވެ.

ޖަރުމަންވިލާތުން ބުނެފައިވާގޮތުގައި މިހާރު އުފައްދާފައިވާ ކޮވިޑް-19 ގެ ވެކްސިން ޑެލްޓާ ވޭރިއެންޓަށް މަސައްކަތް ކުރަނީ 47 އިންސައްތަ އަށެވެ. މީގެ ސަބަބުން މި ވޭރިއެންޓުގެ ނުރައްކާތެރިކަން ބޮޑުވާނޭ ކަމަށް ލަފާކުރެވެއެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވިދާޅުވީ މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އެފްރިކާ ބައްރަށް މީގެ ނުރައްކާތެރިކަން ފޯރާފާނެތީ ކަމަށެވެ. މުޅި ދުނިޔެއަށް ބަލާއިރު އެފްރިކާ ބައްރުގައު ކޮވިޑް ފެތުރިފައި ވަނީ ފަސް އިންސައްތަ އަށެވެ. އަދި މަރުވާ މީހުންގެ އިންސައްތަ އުޅެނީ ދެ އިންސައްތައިގައެވެ.

ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ކޮވިޑްގެ އާ ވޭރިއެންޓުތައް އުފެދެމުން އަންނާތީ އެފްރިކާ ފަދަ ނާޒުކު ފައްތަރެއްގައިވާ ގައުމުތަކަށް އެކަމުގެ ނުރައްކާތެރިކަން ބޮޑު ވާނެއެވެ. އަދި އަލަށް އުފެދޭ ވޭރިއެންޓުތަކަކީ ކޮވިޑަށް މިހާރު އުފައްދާފައިވާ ވެކްސިނަށްވެސް ނުގުޑާ ވޭރިއެންޓުތައްކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

ޑަބްލިއުއެޗްއޯގެ އިމެޖެންސީ ޕްރޮގްރާމްގެ ހެޑް މައިކް ރަޔާން ބުނެފައިވާގޮތުގައި ބައެއް ހިސާބުތަކަށް ވަރަށް ހަލުވިކޮށް އާ ވޭރިއެންޓު ފެތުރެމުންދާއިރު ވެކްސިން ލިބުން މިހާރު އޮތީ އެފަދަ ހިސާބުތަކަށް ހަނިވެފައެވެ. އަދި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށް ރަޔާން ވަނީ ބުނެފައެވެ.