ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި އެކުވެސް، އަދި މިހާތަނަށް ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދެވިފައި ވީނަމަވެސް ކުރިއަށް އޮތީ އަދި މާނުރައްކާތެރި ދުވަސްތަކަކަށް ވެދާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުންނާއި ގިނަ ބަޔަކަށް ވެކްސިން ދެވުމުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެން ދިޔައެވެ. ނަމަވެސް އިނގިރޭސިވިލާތުގައި މިހާރު ޑެލްޓާ ވޭރިއަންޓް ފެތުރި އެގައުމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މިހާރު އިނގިރޭސިވިލާތުން ވަނީ ފިޔަވަޅުތަކަށް ލުއި ދިނުން ވެސް ލަސް ކޮށްފައެވެ.

ލަންޑަންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސަރު ކްރިސް ވިޓީ ވިދާޅުވީ މިހާރު އިނގިރޭސިވިލާތުގައި ޑެލްޓާ ވޭރިއަންޓް ފެތުރެމުން އަންނަ ގޮތައް ބަލާއިރު ކުރިއަށް އޮތް ފިނި މޫސުގައި އެގައުމުގައި ކޮވިޑްގެ ބޮޑު ރާޅެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

"އަދި ކުރިއަށް އޮތްތަނުގައި އިތުރު ވޭރިއަންޓްތަކެއް އުފެދިގެން އައުން އެއީ ވެސް ސަޕްރައިޒެއް ނޫން." ކްރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އަދި ނުރައްކާ މާބޮޑު ވެދާނެ ކަމަށެވެ.

ނަމަވެސް މިވަގުތައް ހިތްހަމަޖައްސާލެވޭނެ ވާހަކަތަކެއް ވެސް ކްރިސް ދެއްކެވިއެވެ. އޭނާ ވިދާޅުވީ މިހާރު ކޮވިޑަށް އުފައްދާފައިވާ ވެކްސިންތައް އާވޭރިއަންޓްތަކަށް ވެސް ކުރިއަށް އޮތް ފަސް އަހަރު މަސައްކަތް ކުރާނެ ކަމަށް އޭނާ އަށް ގަބޫލު ކުރެވެއެވެ.

"ވެކްސިނަށް ބަދަލެއް ގެންނަން ޖެހޭ ފަދަ ވޭރިއަންޓެއް މި ފަސް އަހަރުތެރޭގައި އުފެދިދާނެ ކަމަކަށް ނުބެލެވޭ. ނަމަވެސް އޭގެ ފަހުން ކޮވިޑުން ދިފާއުވުމަށް އަނެއްކާވެސް އިތުރު ވެކްސިނެއް މިހާރު ވެކްސިން ޖަހާ މީހުން ވެސް ބޭނުން ކުރަން ޖެހިދާނެ." ކްރިސް ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު ގިނަ ގައުމުތަކަށް ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުންނެވެ. މިއީ މާފަސޭހައިން ފެތުރޭ ވޭރިއަންޓެއްކަން ވަނީ މިހާރު ކަށަވަރު ކުރެވިފައެވެ. އަދި މިވޭރިއަންޓް ޖެހޭ ޒުވާނުންގެ ހާލަތު މާބޮޑަށް ގޯސް ވެގެން ދެއެވެ.