ފަލަސްތީނުން އިސްރާއީލާއި އެކު ވެފައިވާ ކޮވިޑް-19ގެ ވެކްސިން ހޯދުމުގެ އެގްރީމެންޓް ނިމުމަކަށް ގެނެސްފިއެވެ.

ފަލަސްތީނުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ އިސްރާއީލާއި އެކު ވެފައިވަނީ ފާއިޒާ ވެކްސިންގެ އެއް މިލިއަން ވެކްސިން ޑޯޒު ހޯދުމަށް ކަމަށެވެ. އެ ވެކްސިނަކީ އުޅަނގު ބޭންކަށާއި ޣައްޒާގެ ރައްޔިތުންނަށް ދިނުމަށް ހަމަ ޖެއްސި ވެކްސިނެވެ.

މިފަދަ ނިންމުމެއް ނިންމާފައިވަނީ މީގެ ކުރިން ވެފައިވާ އެއްބަސްވުމާއި ހިލާފުވުމުން ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެގޮތުން މީގެ ކުރިން ހެދި އެއްބަސްވުމާއި ހިލާފަށް އެއްލައްކާ ޑޯޒު ހަމަ ނުކޮށް، 90،000 ޑޯޒު ފޮނުވާފައިވާ ކަމަށާއި އެ ވެކްސިނަކީ ވެސް މުއްދަތު ހަމަވާން ކައިރިވެފައިވާ ވެކްސިން ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

"ކުރިން ވެފައިވާ އެއްބަސްވުމާއި ހިލާފުވެފައި އިސްރާއީލުން ވަނީ. އަދި މުއްދަތު ހަމަވާ ދުވަސް ވެސް އެ ވެކްސިންގައި ވަނީ ކައިރިވެފައި" ފަލަސްތީނުގެ މީޑިއާއެއް ކަމަށްވާ ވަފާ ނޫހަށް އެގައުމުގެ މިނިސްޓަރަކު ވިދާޅުވިއެވެ.

އެކަން އެގޮތަށް ވެފައިވާތީ، އެގައުމުގެ ބޮޑު ވަޒީރު މުހައްމަދު އިޝްތަޔާ އާއި އެކަން ހިއްސާކޮށް އިސްރާއީލާއި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ އޮފިޝަލުންނާއި ހަވާލާދީ ރޮއެޓާސް ނޫހުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ފަލަސްތީނަށް ފޮނުވާ ވެކްސިންގެ މުއްދަތު ހަމަވާނެ ކަމަށް ބުނެފައިވަނީ ޖުލައި ނުވަތަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް އޭގެ މުއްދަތު މިމަހުގެ ތެރޭގައި ހަމަވާ ކަން މިހާރު ވަނީ ހާމަ ވެފައެވެ.