ކޮވިޑް-19 އިން ދިފާއުވުމަށް ދޭ ވެކްސިންގެ ސަބަބުން ދަރިމައިވުން މަދުވާ ކަމަށާއި ސަބަބަކީ ވެކްސިންގެ ސަބަބުން ދަރިފަނީގެ ބާރު ދެރަވުން ފަދަ މައްސަލަތައް ދިމާވާތީ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް، ހަގީގަތެއް ނެތް ވާހަކަތަކެއްކަން ދިރާސާއަކުން ދައްކައިފިއެވެ.

ރިވިއު ޖާނަލްއެއް ކަމަށްވާ ޖާމާގައި އާއްމުކޮށްފައިވާ ދިރާސާ ރިޕޯޓް ބުނާ ގޮތުގައި ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ޒުވާން ފިރިހެނުންގެ ދަރިފަނީގެ ޓެސްޓްތައް ހެދުމުން ކަށަވަރު ކުރެވިފައި ވަނީ ވެކްސިން ޖެހުމުން އެމީހުންގެ ދަރިފަންޏަށް އެއްވެސް ވަރެއްގެ ބަލިކަށިކަމެއް އައިސްފައި ނެތް ކަމެވެ.

އެމެރިކާގެ ޗިގާގޯގައި ހުންނަ އިންސްޓިއުޓް ފޯ ހިއުމަން ރިޕްރޮޑަކްޝަން އިން ކުރި ދިރާސާ އާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެތަނުގެ ކޯ މެޑިކަލް ޑިރެކްޓަރ ޑރ.ޑޭވިޑް ކޯހެން ވިދާޅުވީ ކޮވިޑް ވައިރަހަކީ ވެސް ދެމަފިރިންގެ ގުޅުމުގެ ސަބަބުން އެކަކުގެ ގައިން އަނެކެއްގެ ގަޔަށް އަރާ ވައިރަހެއް ނޫން ކަމަށާއި ވެކްސިންގެ ސަބަބުން ދަރިން ލިބުމަށް މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ.

މިދިރާސާ ކުރިއަށް ގެންދިޔައީ 45 ފިރިހެނުން ބައިވެރިކޮށްގެންނެވެ. އުމުރުން 25 އަހަރާއި 31 އަހަރާއި ދެމެދުގެ ފިރިހެނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާގައި ފުރަތަމަ ފިރިހެނުންގެ ސުންކު ނެގީ ވެކްސިންގެ ޖެހުމުގެ ކުރިންނެވެ. އަދި އެއަށްފަހު ވެކްސިންގެ ފުރިހަމަ ކުރިތާ 70 ދުވަސް ފަހުން ދެވަނަ ފަހަރަށް ސުންކު ނެގިއެވެ. ދެސުންކު ޓެސްޓްކޮށް ދަރިފަނީގެ ހާލަތާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ސައިންސްވެރިން ނިންމީ ވެކްސިންގެ ސަބަބުން ދަރިފަންޏަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ވެކްސިންގެ ސަބަބުން ދަރިން ލިބުމަށް މައްސަލައެއް ދިމާނުވިޔަސް ކޮވިޑް ވައިރަސްގެ ސަބަބުން ދިމާވެދާނެ ކަންކަން އިތުރަށް ސައިންސްވެރިން ވެސް އަންނަނީ ދިރާސާ ކުރަމުންނެވެ. އެހެންކަމުން ވައިރަސްގެ ސަބަބުން ދަރިން ލިބުމަށް ކުރާނެ އަސަރުތަކާއި ގުޅޭ ގޮތުން އަދި މާގިނަ މައުލޫމާތުތަކެއް އެއްކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަ

    ވެކްސިން އުފައްދާ ކުންފުނިންދޯ ބުނެފައިވަނީ ދަރިފަންޏަށް އަސަރު ކުރާކަންވެސް ނުވަތަ ނުކުރާކަންވެސް ނޭނގެޔޭ. ކޮވިޑް-19 އާއި އެންމެ އެއްގޮތް ސާސްވައިރަސް ހަމަގައިމުވެސް ދަރިފަނީގައި ހުރޭ.