ކޮވިޑް-19 ހާލަތު އެންމެ ގޯސް އެއް ގައުމު ކަމަށްވާ ބްރެޒިލުން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ފަސްލައްކަ އަށް އަރާފައި ވާއިރު ސަރުކާރާއި ދެކޮޅަށް ބްރެޒިލްގެ ހުރިހާ ސަރަހައްދެއްގައި ވެސް އެތައް ހާސް ބަޔަކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

ބްރެޒިލްގެ ރައްޔިތުން މަގުތަކަށް ނިކުމެފައި ވަނީ ރައީސް ޖައިރު ބޮލްސަނާރޯ އާއި ދެކޮޅަށެވެ. މުޒާހަރާއަށް ނިކުމެފައިވާ ރައްޔިތުން ގޮވަމުން ގެންދަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސޮލްސަނާރޯ ފެއިލްވެފައި ވާތީ އޭނާ ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށެވެ.

ބްރެޒިލުން މިހާތަނަށް 17.8 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު ކޮވިޑް ޖެހިގެން 500868 މީހުން ވަނީ މިހާރު މަރުވެފައެވެ. ބްރެޒިލަކީ ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމެވެ. އަދި އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވަނީ ބްރެޒިލުންނެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ހަފްތާގައި ބްރެޒިލުން ކޮވިޑް ޖެހިގެން އެވްރެޖްކޮށް ދުވާލަކު 2000 މީހުން އަންނަނީ މަރުވަމުންނެވެ. އަދި މިހާތަނަށް އެގައުމުގައި ވެކްސިންގެ ދެޑޯޒް ދެވިފައި ވަނީ އާބާދީގެ އެންމެ %11 އަށެވެ. ފުރަތަމަ ޑޯޒް ދެވިފައިވާ މީހުންގެ އަދަދު %29 އަށް އަރައެވެ.

ބްރެޒިލްގެ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބްރެޒިލްގައި ކޮވިޑް ވެކްސިން ދެމުންދާ ސްޕީޑަށާއި ކޮވިޑްގައި މަރުވަމުންދާ މީހުންގެ ނިސްބަތައް ބަލާއިރު ކޮވިޑް ޖެހިގެން އެގައުމުން މަރުވާ މީހުންގެ އަދަދު އަށްލައްކައަށް އެރުން އެކަށީގެންވާ ކަމަށެވެ.

ބްރެޒިލްގެ ރައީސް ބޮލްސަނާރޯ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާތީ ފެށުނީއްސުރެ އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މީގެ އިތުރުން ވެކްސިން ކަށަވަރު ކޮށްދިނުމަށް ވެސް ސަރުކާރަށް އެކަށީގެންވާ ވަރާއި ގާތައް ވެސް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮވިޑްގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި ފަގީރުކަން އިތުރުވަމުން އަންނަ ކަމަށް ވެސް މުޒާހަރާއަށް ނިކުތް މީހުން ދަނީ ބުނަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި ބްރެޒިލްގެ ރައީސް ބޮލްސަނާރޯ ފެއިލް ވެފައިވާ ކަމަށް އެތައް ބަޔަކު ބުނަމުން ދިޔަ ނަމަވެސް އޭނާ މިހާރު ގެންދަނީ އަންނަ އަހަރު އޮންނަ ބްރެޒިލްގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ކެމްޕޭން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު