ވިއެޓްނާމުގައި މީސް މީޑިއާ ބޭނުންކުރުމުގައި އަމަލުކުރަން ޖެހޭ ހާއްސަ ގައުމީ މިންގަނޑުތަކެއް ކަނޑައަޅައިފިއެވެ. މި މިންގަނޑުތައް ކަނޑައަޅާފައިވަނީ މީސް މީޑިއާގައި ގައުމާ ގުޅޭ ފައްސި ހަަބަރުތަކާއި މައުލޫމާތު ފެތުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ގައުމާ ގުޅިގެން ނޭދެވޭ ވާހަކަތައް މީސްމީޑިޔާގައި ހިއްސާކުރާނަމަ ސަރުކާރުގެ މުވައްޒަފުން އެކަން ބަލައި އަންގަންޖެހޭ ފަރާތްތަކަށް އެކަން އަންގަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

އެކުލަވާލި މިންގަނޑުތަކުގައި ބުނެފައިވާ ގޮތުން ގާނޫނާ ހިލާފަށް ގައުމުގެ މަސްލަހަތު ގެއްލޭފަދަ މައުލޫމާތު މީސް މީޑިއާގައި ހިއްސާކުރުން މަނާ ވާނެެއެވެ. މި ގަވާއިދުތަކަށް ވިއެޓްނާމުގެ މީޑިއާ ކުންފުނިތަކުން ވެސް އަމަލު ކުރަން ޖެހޭނެއެވެ. އަލަށް އެކުލަވާލި މިންގަނޑުތަކުގައި ބާރު އަޅާފައިވަނީ އެ ގައުމުގެ ގުދުރަތީ ރީތިކަމާއި، އެގައުމުގެ މީހުންނާއި ސަގާފަތާއި ގުޅޭ ފައްސި މައުލޫމާތު ހިއްސާ ކުރުމަށެވެ.

މި އުސޫލުތަކަށް އަމަލުނުކުރާ މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ވިއެޓްނާމުގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އަކީ ފާޑުކިޔުންތައް ބަލައިގަންނަ ބައެއް ނޫނެެވެ. އެހެން ކަމުން އެމީހުން މީޑިއާތަކަށް ނުފޫޒު ފޯރުވާފައިވެއެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރުވެސް ޔޫޓިއުބާއި ފޭސްބުކް ފަދަ ބޮޑެތި ޕްލެޓްފޯމް ތަކުގައި ފަތުރާފައިވާ ބައެއް މައުލޫމާތުތަކާއި ގުޅިގެން ފިޔަވަޅު އަޅައި މައުލޫމާތު ހިއްސާކުރި މީހުން ދިގު މުއްދަތަކަށް ޖަލަށް ލައިފައެވެ. އަދި ފޭސްބުކްގައި ހިއްސާކުރާ ސިޔާސީ މައުލޫމާތު ސަރުކާރުން ބޭނުންވާގޮތަށް ހިއްސާ ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް މިދިޔަ އަހަރު ދީފައިވެއެވެ.