ކާބޯތަކެތި ލިބުން ދަތިވެ އުތުރު ކޮރެއާގައި އެ ތަކެތީގެ އަގު އަތް ނުފޯރާ ވަރަށް މައްޗަށް އުފުލިއްޖެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބުނީ އެ ގައުމުގައި ދަނޑުގޮވާން ލިބުން ދަތިވެ ކާތަކެތީގެ އަގުތައް އުފުލެމުންދަނީ ފާއިތުވި އަހަރު އެ ގައުމަށް އެރި ތޫފާނުގައި ދަނޑުބިންތަކަށް ގެއްލުން ލިބި ދަނޑުތައް އަލުން ހެއްދުމުގައި އެ ގައުމުގެ ދަނޑުވެރިން ނުކުޅެދިފައިވާތީ ކަމަށެވެ.

ކާބޯތަކެތި ލިބުން ދަތިވުމުގެ ސަބަބުން ގިނަ އުފެއްދުންތަކެއްގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން އަގު އުފުލިފައިވާ ތަކެތީގެ ތެރޭގައި ކޮފީ އާއި ސައިފަތް ހިމެނެއެވެ. ކޮފީ ޕެކެޓެއްގެ އަގު 1،500ރ. އަށް އަރާއިރު ސައިފަތް ޕެކެޓެއްގެ އަގު ވަނީ 1،000ރ. އަށް އުފުލިފައެވެ. ދޮންކެޔޮ ކިލޯއެއްގެ އަގު ވެސް 600ރ. އަށް އަރައެވެ.

ކާބޯތަކެތީގެ އަގު އުފުލި ކާބޯތަކެތި ލިބުން ދަތިވުމުގެ މައްސަލަ ހައްލުކުރުމަށް ކިމް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވާއިރު މި ދަނޑިވަޅަކީ ކޮވިޑް-19 އާއި ގުޅިގެން އުތުރު ކޮރެއާގެ ބޯޑަރު ބަންދުކޮށްފައިވާ ދަނޑިވަޅެކެވެ.

އ.ދ ގެ ފުޑް އެންޑް އެގްރިކަލްޗަރަލް އޮގަނައިޒޭޝަން އިން ބުނާގޮތުގައި އުތުރު ކޮރެއާ އަށް ހާލަތުން އަރައިގަތުމަށް 8،60،000 ޓަނުގެ ކާބޯތަކެތި ބޭނުންވެއެވެ.

އުތުރު ކޮރެއާ އިން މިހާތަނަށް ރަސްމީކޮށް ކޮވިޑުގެ އެއްވެސް ވޭދަނައެއް ފެނިފައިވާކަމަށް ބުނެފައިނުވާ އިރު ކޮވިޑުން ރައްކާތެރިވުމަށް އެ ގައުމުގެ ބޯޑަރު ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

އުތުރު ކޮރެއާ އަކީ ޗައިނާ އަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. އެގޮތުން ކެއުން ބުއިމަށް ބޭނުންވާ ގިނަ ތަކެތި އަދި ތެޔޮ ވެސް އެތެރެ ކުރަނީ ޗައިނާއިންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު