ތާލިބާނުން އަފްޣާނިސްތާނާ ދެކޮޅަށް ނިރުބަވެރި ހަމަލާތަކެއް ދެމުން ދަނިކޮށް، ޕާކިސްތާނުން ތާލިބާނުގެ ދިފާއުގައި ވާހަކަ ދައްކައިފިއެވެ. މީގެ ކުރިންވެސް ތާލިބާނުން ދެމުން ގެންދާ ހަމަލާތަކަށް ޕާކިސްތާނުން ވާގިވެރިވާކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައިވެއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހް މަހްމޫދް ގުރެއިޝީ ތާލިބާނުގެ ދިފާއުގައި ވާހަކަ ދައްކަވައި ވިދާޅުވީ އަފްޣާނިސްތާނަށް ދެމުން ގެންދާ ހަމަލާތަކުގެ ފަހަތުގައި ތިބީ އައިއެސް ޖަމާއަތް ކަމަށެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ޝާހް ވިދާޅުވީ ހަމަލާތައް އިތުުރުވެގެން ދަނީ ތާލިބާނުގެ ސަބަބުން ކަމަށް ލަފާކުރާ ނަމަ، އޭގެ ސަބަބުން ހާލަތު ގޯސްވެގެން ހިނގައިދާނެ ކަމަށެވެ. އައިއެސްއަކީ އަފްޣާނިސްތާނުގައި މިހާރުވެސް ހަރަކާތްތެރިވާ ޖަމާއަތަކަށް ވެފައި އޭނާގެ ނަޒަރުގައި ތުހުމަތު ކުރެވެނީ އެ ޖަމާއަތަށް ކަމަށް ވިދާލުވިއެވެ.

ޕާކިސްތާނުގައި ތާލިބާނުގެ އިސްވެރިން ތިބިކަމަށް ބުނާ ވާހަކަ މިނިސްޓަރު ޝާހް ދޮގު ކުރައްވާ ވިދާޅުވީ ގިނަ ލީޑަރުން ތިއްބެވީ އަފްޣާނިސްތާނުގައި ކަަމަށެވެ.

ތާލިބާނަށް ޕާކިސްތާނުން ފަންޑް ކުރިތޯ ސުވާލު ކުރުމުން ޝާހް ވިދާޅުވީ އަހަރުތަކެއް ވަންދެން ހިނގާ އެތައް ކަމެއް އެބަހުރި ކަމަށެވެ.

"އަފްޣާނިސްތާންގެ ސަރުކާރުން ނިންމާނީ އެމީހުން ބޭނުންވަނީ ސިޔާސީ ގޮތުން ކޮންކަހަލަ އުސޫލުތަކެއްކަން. މަސްލަހަތު ގޯސްނުވެ ދެމެހެއްޓޭނީ އަފްޣާނިސްތާނުން ގުޅުން ބަދަހިކުރަން މަސައްކަތްކޮށް، އެކުވެރި ގުޅުމެއް ދަމަހައްޓަން އުޅުމުން" ޝާހް ވިދާލުވިއެވެ.

ތާލިބާނާއި ޕާކިސްތާނުން މަސައްކަތް ކުރަމުންދަނީ އަފްޣާނިސްތާން ސަރަހައްދުގައި ހަމަނުޖެހުން ހިންގުން މަދުކޮށް، ހަމަލާތައް ހުއްޓުވުމަށް ކަަމަށާއި، މިކަމުގައި އަފްޣާާނިސްތާނުން ބައިވެރިވެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޕާކިސްތާނުން ބުނެއެވެ.

އަފްޣާނިސްތާނާއި މެދުގައި ދާހިލީ ހަނގުރާމައަކަށް ދާން ޖެހިއްޖެ ހާލަތެއްގައި ދާން ޖެހޭނީ އަފްޣާނިސްތާނުގެ ވެރިންގެ ސަބަބުން ކަމަށް ޝާހް ވިދާޅުވިއެވެ.