ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާގެ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ސައިންސްވެރިޔަކު، ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުން ދެން ވާނެ ގޮތެއް ބަލަން މޮޑާނާގެ ވެކްސިނުން ތިން ވަނަ ޑޯޒެއް ޖަހައިފިއެވެ.

ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހީ ވައިރަސްތަކާއި ގުޅޭ ތަޖުރިބާކާރު ސައިންސްވެރިއެއް ކަމަށްވާ ޖޯސެފް ހައިސާއެވެ. ޖަނަވަރީ މަހު ފައިޒާ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ޖޯސެފް ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހީ ވެކްސިނަށް ކުރެވޭ އިތުބާރު ކުޑަވެގެންނެއް ނޫނެވެ. އޭނާގެ މަޤުސަދަކީ ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުން އިތުރު ސިއްހީ މައްސަލައެއް ކުރިމަތިވޭތޯ ބެލުމެވެ. އަދި ކޮވިޑް ވެކްސިނުން ރައްކާތެރިވެވޭ މިންވަރު އިތުރަށް ދިރާސާ ކރުުމެވެ.

އެމެރިކާގެ ޓެކްސަސްގައި ހުންނަ ބޭލާ ކޮލެޖް އޮފް މެޑިސިންގައި މަސައްކަތް ކުރައްވާ ޖޯސެފް ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހާފައި ވަނީ އެކޮލެޖެ ވެކްސިން ރިސާޗް ސެންޓަރުގައެވެ.

ކޮވިޑް-19 ވެކްސިންތަކާއި ގުޅޭ ތަފާތު ދިރާސާތައް ކުރިއަށް ދާއިރު މީގެތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ދިރާސާއަކީ މިކްސް އެންޑް މެޗް ސްޓަޑީގެ ނަމުގައި ކުރިއަށް ގެންދާ ދިރާސާއެވެ. މިދިރާސާގައި ވެކްސިންގެ އުފައްދާފައިވާ ތަފާތު ކުންފުނިތަކުގެ ވެކްސިންތަކުން ދެޑޯޒް ހަމަކޮށް، ދެން ނިކުންނަ ނަތީޖާ އަންނަނީ ބަލަމުންނެވެ. އަދި ތިން ވަނަ ފަހަރަށް ވެކްސިން ދޭންޖެހޭތޯ ނުވަތަ "ބޫސްޓް ޝޮޓެއް" ދިނުމުން ދެން ވައިރަހުން ރައްކާތެރިވެވޭނެ މިންވަރު މިދިރާސާގައި އަންނަނީ ބަލަމުންނެވެ.

ތިން ވަނަ ޑޯޒްގެ ވެކްސިން ޖެހުމަށްފަހު ޖޯސެފް ބުނީ ތިން ވަނަ ޑޯޒްގެ ވެކްސިން ޖެހުމުން ވެސް ކުރިމަތީ ކުރިން ދެފަހަރު ވެކްސިން ދިނުމުން ކުރިމަތިފަދަ އާދައިގެ ސައިޑް އިފެކްޓްތަކެއް ކަމަށެވެ.

ކޮވިޑް-19 ވެކްސިންތަކާއި ގުޅޭ ގޮތުން ކުރެވެމުންދާ ދިރާސާ ނިމުމުން ދެ ކުންފުންޏެއް ވެކްސިނުން ޑޯޒް ފުރިހަމަ ކުރުމުން މައްސަލައެއް ކުރިމަތިވޭތޯ ބެލުމާއި ތިން ވަނަ ޑޯޒެއް ޖެހުމުން ވައިރަހުން ރައްކާތެރިވެވޭނެ މިންވަރު ބަލައި އެކަމުގައި ސައިންސްވެރިންނަށް ވަކި ގޮތްތަކެއް އިއުލާން ކުރެވޭވަރު ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު