އިސްރާއީލުން ޣައްޒާ އަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކެއް "ލުއިދޭން" ނިންމާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ. ނަމަވެސް މިލުއިތަކުގެ ތެރޭގައި އިސްރާއީލުން ޣައްޒާ ހިސޯރުކޮށްފައި އޮންނަ އޮތުމަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ.

އިސްރާއީލުން ޣައްޒާއަށްދޭ ލުއިތަކަކީ މަހަށް ނިކުތުމުގެ ހުއްދަ ޣައްޒާ ރައްޔިތުންނަށް ދިނުމާއި ޣައްޒާގެ ރައްޔިތުން ވިޔެފައި ހުންނަ ވޫލާއި ފޮތި އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުމާއި ޣައްޒާގައި ހައްދާ ތަރުކާރީއާއި މޭވާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުމެވެ. މީގެ އިތުރުން ޕޯސްޓް މެދުވެރިކޮށް ޣައްޒާއަށް ފޮނުވާތަކެތި ޣައްޒާއަށް އެތެރެކުރުމުގެ ހުއްދަ ދޭން ވެސް ވަނީ ނިންމާފައެވެ.

ޣައްޒާގައި ވިޔާ ވޫލާއި ފޮތި އެކްސްޕޯޓް ކުރަން ޖެހެނީ އިސްރާއީލަށެވެ. އެކްސްޕޯޓް ކުރެވޭނީ ހަމައެކަނި އިސްރާއީލްގެ ކުންފުނިތަކާއިއެކު ވިޔަފާރި ކުރުމަށް ޣައްޒާގައި އުފައްދާފައިވާ ކުންފުނިތަކުގެ މުދާ އެކަންޏެވެ.

އިސްރާއީލުން ދިން ލުއިތަކާއިއެކު އިއްޔެ ވަނީ 40 ޓްރަކްގެ މުދާ ޣައްޒާ އިން އެކްސްޕޯޓް ކޮށްފައެވެ. މިއީ ފާއިތުވި ދޮޅުމަސް ދުވަހުގެ ތެރޭގައި ޣައްޒާ އިން ބޭރަށް ނެރެވުނު ފުރަތަމަ މުދަލުގެ ޝިޕްމަންޓެވެ.

މިލުއިތައް ދެނީ ޣައްޒާއަށް އިސްރާއީލުން މިދިޔަ މަހު ދިން ހަމަލާތަކަށް ފަހު މިސްރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އިސްރާއީލާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ލުއިތައް ދޭން އިސްރާއީލުން އެއްބަސްވީ ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުންނާއި އަދި އެހެން މުޖާހިދުންގެ ޖަމާއަތްތަކުން ވެސް އިސްރާއީލަށް ހަމަލާތައް ނުދޭން ޝަރުތުކޮށްފައެވެ.

2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އޮންނަނީ ޣައްޒާ ހިިސޯރުކޮށްފައެވެ. އޭގެ ފަހުން ޣައްޒާއަށް އެއްވެސް މުދަލެއް އެތެރެ ކުރެވެނީ ވެސް އަދި މުދަލެއް ބޭރުކުރެވެނީ ވެސް އިސްރާއީލްގެ ހުއްދަ ހޯދައިގެންނެވެ.