ފިލިޕީންސްގައި ކޮވިޑް-19 ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ޖަލަށްލާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވައިފިއެވެ.

ފިލިޕީންސުން އިންޑިއާގެ ވޭރިއަންޓް ނުވަތަ ޑެލްޓާ ވޭރިއަންޓްގެ އެތައް ވޭދަނައެއް ދަނީ ފެންނަމުންނެވެ. މި ވޭރިއަންޓަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވޭރިއަންޓެކެވެ.

"ގޮތެއް ނިންމާނީ ރައްޔިތުން. ވެކްސިން ޖަހާނީތޯ ނުވަތަ ޖަލަށް ދާނީތޯ" ފިލިޕީންސް ރައީސް ވިދާޅުވިއެވެ.

ފިލިޕީންސްގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މާޗް މަހުއެވެ. ވެކްސިން ކޭމްޕުތަކަށް ވެކްސިން ޖަަހަން ދާ މީހުންވެސް މަދު ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލިޕީންސްގެ ރައީސް ވިދާޅުވީ އެގައުމުގެ މީހުން ބޯހަރު ކަމަށާއި، ވެކްސިން ޖަހަން ޖެހެނީ ގަދަބާރުން ކަމަށެވެ.

އޭނާ ވަނީ މީގެ ކުރިން ގައުމު ފުރަބަންދުކޮށް، ގަވާއިދާ ހިލާފަ ބޭރުގައި އުޅޭ މީހުން ބޮލަށް ބަޑި ޖަހާނެ ކަމަށް ބުނެފައެވެ. ކޮވިޑާއި ގުޅިގެން އެކުލަވާލައިފައިވާ ގަވާއިދުތަކަށް އަމަލު ނުކުރި މީހަކަށް އަދަބުދީ، އޭނާ މަރާލައިފައިވެއެވެ.

ވެކްސިން ނުޖަހާ އުޅެން ބޭނުންވާ މީހުންނަށް ފިލިޕީންސްގައި ޖާގަ ނެތް ކަމަށާއި، ވެކްސިން ނުޖަހާނަމަ އިންޑިއާ ފަދަ ގައުމަކަށް ހިޖުރަ ކުރުމަށް ޑުޓާޓެ ގޮވާލައިފައިވެއެވެ.

ލަފާކޮށްފައިވާ ގޮތުގައި 110 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެގައުމުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ އާބާދީގެ 1.95 އިންސައްތަ މީހުންނެވެ. އަދި 6.2 މިލިއަން މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 2.15 މިލިއަން މީހުން ވަނީ ވެކްްސިން ފުރިހަމަ ކޮށްފައެވެ.

މިހާތަނަށް ފިލިޕީންސުން 1.3 މިލިއަން މީހުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވާއިރު، އެގައުމުގައި އަދިވެސް ބަލިން ރަނގަޅުނުވެ 56،000 މީހުން އެބަތިއްބެވެ.