ދުނިޔޭގެ އެކި ގައުމުތަކުގައި ހަނގުރާމައިގެ މައިދާނުގައި 8،500 ކުޑަކުދިން ބައިވެރިކޮށްފައިވާ ކަމަށް އދން ބުނެފިއެވެ.

އދން ބުނީ އޭގެ ތެރެއިން 2،700 ކުދިން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އދގެ ޗީފް އެންޓޯނިއޯ ގޫޓެރެސް ނެރުނު އަހަރީ ރިޕޯޓުގައި ކުޑަކުދިން ހަނގުރާމައިގެ މައިދާނުގައި ބައިވެރިވުމާއި، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވުމާއި، މަސައްކަތުގެ މާހައުލަށް ނިކުންނަން މަޖުބޫރުވުމުގެ އިތުރުން ބައްޔަށް ފަރުވާ ކުރުމާއި އިލްމު އުނގެނުމުން މަހްރޫމުވެފައިވާ ކުދިންނަށް އަލިއަޅުވާލައިފައިވެއެވެ.

އެ ރިޕޯޓުގައި ބުނާގޮތުން އެންމެ ގިނައިން ކުޑަކުދިންނަށް އަނިޔާވެރިކަން ތަހައްމަލް ކުރަން ޖެހިފައިވަނީ ސޯމާލިއާ، ރިޕަބްލިކް އޮފް ދި ކޮންގޯ، އަފްޣާނިސްތާން، ސީރިއާ އަދި ޔަމަނުގެ ކުދިންނަށް ކަމަށެވެ. މި ލިސްޓުގައި މިޔަންމާ އާއި އިސްރާއިލް ހިމެނިފައިނުވާތީ ބައެއް ޖަމާއަތްތަކުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ ޖަމާއަތްތަކުން ބުނެފައިވަނީ މިޔަންމާގައި ހިނގި ބަޣާވާތުގެ ތެރެއިން ކުޑަކުދިންނަށް އަނިޔާވި ކަމަށާއި، އެ ހަރަކާތުގައި އަމަލީގޮތުން އެތައް ކުޑަކުއްޖަކު ބައިވެރިވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު 8521 ކުދިން ހަނގުރާމަތަކުގައި ބައިވެރިވެފައިވާއިރު، 2674 ކުދިން ހަނގުރާމައިގެ މައިދާނުގައި މަރުވެފައިވެއެވެ. އަދި އޭގެ އިތުރުން 5748 ކުދިންނަށް ހަނގުރާމައިގެ ތެރެއިން އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުޑަކުދިންނަށް ހިމާޔާތް ހޯދައިދިނުމަށް އދއާއި ހައްގުތައް ހޯދަން ވަކާލާތު ކުރާ ޖަމިއްޔާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި އަހަރު ނެރުނު ރިޕޯޓަށް ބަލާއިރު، މަސައްކަތުގެ މާހައުލަށް ނިކުންނަ މަޖުބޫރުވެފައިވާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ބަލާއިރު 2016-2020 އަހަރުތަކުގައި 160 މިލިއަން ކުދިން މަސައްކަތުގެ މާހައުލަށް ނިކުތުމަށް މަޖުބޫރުވެފައިވާ ކަމަށް ބުނެއެވެ.

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރާނެކަމަށް އދން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ....

    އދ އިން ކުޑަކުދިން މަރާތީ ކެއްނުވީމަ ކުޑަ ކުދިންވެސް އަންހެނުންވެސް މުސްކުޅިންވެސް ނިކުންނަށް މަޖުބޫރުވާނެތާ....ތިބުނާ އ.ދ ގެ ގައުމުތަކުގެ ޝިކާރަޔަކަށް ވާ ކުޑަކުދިންގެ އަދަދު ރިހެން ލިޔެލަންވެސް ހިތައް ކެތެއްނުވޭ....