ހޫތީން ސައުދީ އަރަބިއާއަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.

ހަމީސް މުޝައިތް ސިޓީއަށް އަމާޒުކޮށް މި މަހުގެ 19 ވަނަ ދުވަހު ދީފައިވާ ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތީ ބާރުތަކަށާއި ސަރަހައްދީ މަސްލަހަތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ރިޕޯޓުތައް ބުނެެއެވެ.

ހޫތީން މަރިބަށާއި ސައުދީ އަރަބިއާއަށް ދެމުން ގެންދާ ޑްރޯން ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އުފެދޭ ކަމަށާއި، ޔަމަނުގެ މަސްލަހަތު ރަނގަޅު ކުރުމަށް ހުރަސްއެޅޭ ކަމަށް ޔަމަނުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ސައުދީ އަރަބިއާއަށް ހޫތީން ދީފައިވާ ޑްރޯން ހަމަލާ އަރަބި ގިނަ ގައުމުތަކަކުން އަންނަނީ ކުށްވެރި ކުރަމުންނެެވެ. އަދި ރާއްޖެއިންވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.

ސައުދީއަށް ދިން ހަމަލާއާއި ގުޅިގެން ޔޫއޭއީގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ ސަރަހައްދީ މަސްލަހަތު ގެއްލި، ސައުދީގެ ރައްކާތެރިކަމާއި، ސަލާމަތައް ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެތީ ހަމަނުޖެހުން ހިންގުން ހުއްޓުމަށް ގޮވާލައިފައެވެ. އަދި ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތަައިގެ ވިޔަފާރިއަށް ގެއްލުން ވެދާނެ ކަމުގެ އިންޒާރުވެސް ޔޫއޭއީއިން ނެރުނު ބަޔާނުގައި ދީފައިވެއެވެ.

ޔޫއޭއީގެ އިތުރުން މިސްރާއި ފްރާންސުންވެސް ވަނީ ހޫތީންގެ ހަމަލާ ކުށްވެރި ކޮށްފައެވެ. ފްރާންސުން ވަނީ ހޫތީންނަށް މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ގޮވައިލާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ހޫތީން ސައުދީ އަރަބިއާއަށް ހަމަލާ ދީފައިވަނީ 15 ޑްރޯންއާއި ދެ މިސައިން ފޮނުވައިގެންނެވެ.