ސްވިޑެންގެ ބޮޑުވަޒީރު ސްޓެފާން ލާވެންގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ފާސްކޮށްފިއެވެ.

ސްޓެފާން ލާވެން ސްވިޑެންގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ 2014 ގައެވެ.

ލާވެންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައިވަނީ ކުލި ކޮންޓްރޯލް ކުރުމަށް ދޫދިނުމާ ބެހޭގޮތުން ދެބަސްވެ، މައްސަލަ ހޫނުވެގެން ދިޔަ ހިސާބުންނެވެ.

ސްވިޑެންގެ މަޖިލީހުގައި ލާވެންގެ އިތުބާރު ނެތްކަމަށް 181 މެމްބަރުން ވޯޓު ދީފައިވެއެވެ. މަޖިލީހުގައި 349 މީހުން ތިބޭއިރު، ކަމެއް ފާސްކުރަން ބޭނުންވާނަަމަ 175 ވޯޓު ބޭނުންވެއެވެ. އެވަރަށް ވޯޓު ލިބި، އިތުބާރު ނެތްކަމަށް ފާސްވުމުން އޭނާ ވަނީ އެގައުމުގެ ތާރީހުގައި ވެސް އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމު ގެއްލުނު ފުރަތަމަ ބޮޑުވަޒީރަށްވެ ވަޑައިގެންފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު ލާވެން ބޭނުންފުޅު ވާނަމަ އާންމުންގެ މެދުގައި އިންތިހާބަކަށް ހުށަހެޅުމުގެ ފުރުސަތާއި، އައު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް، މިހެން ކަންތައް ކުރެވެން އަންނަނީ ސަރުކާރު ކޯލިޝަނުން އެއްބަސް ވުމަކަށް އާދެވިގެންނެވެ.

ސްވިޑެންގެ ބޮޑެތި ސިޓީތަކުގައި ކުލީގެ އަގު މާ ބޮޑަށް އުފުލުން ހުއްޓުވުމަށް ޓަކައި އެ ގައުމުގައި ކުލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. ނަމަވެސް އޭގެ ސަބަބުން ކުއްޔަށް ދޭން އަޅާ އިމާރާތްތައް މަދުވެ، ކުއްޔަށް ދޫކުރާ ތަންތަނުގައި ދިރިއުޅެން ބޭނުންވާ މީހުންގެ އަދަދު ގިނަ ވެފައިވެއެވެ. އަދި މިހާރު އެގައުމުގައި ގެތަކާއި ބިން ވިއްކާ އަގުވެސް ވަނީ އުފުލިފައެވެ.

ކުލީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސްވިޑެންގެ ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނީ އަލަށް އަޅާ އިމާރާތްތަކުގެ ކުލި މީހުން ޑިިމާންޑް ކުރާ ވަރާ އެއްވަރަށް އަގުތަކަށް ބަދަލު ގެނައުމަށެވެ. އޭގެ ސަބަބުން ކުއްޔަށް ދޫކުރަން އަޅާ އިމާރާތްތައް އިތުރުވެގެން ދާނެ ކަަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ނަމަވެސް، މި އިސްލާހާ ދެކޮޅު ފަރާތްތަކުން ގަބޫލުކުރަނީ އޭގެ ސަބަބުން ކުލީގެ އަގު އުފުލިގެން ދާނެ ކަމަށެވެ.