ޗައިނާ ސަރުކާރުން ޒިންޖިއާންގައި ގިނަ އަދަދެއްގެ އުއިގާ ދަރިކޮޅުގެ މީހުން ބަންދުކޮށްގެން ހިންގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ކުށްވެރިކުރުމަށް ޕާކިސްތާން ބޮޑުވަޒީރު އިމްރާން ހާން ދެކޮޅު ހައްދަވައިފިއެވެ.

ޒިންޖިއާންގައި މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމާއި، މުސްލިމުން ބަންދުކޮށް އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރަމުންދާއިރު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެފައިވަނީ ޗައިނާއަކީ ދަތި ކަންތައްތަކެއް ދިމާވި ދުވަސްތަކެއްގައި ގާތް ގުޅުމެއް އުފެދިފައިވާ އަވަށްޓެރި ގައުމެއް ކަމަށެވެ.

ދެ މިލިއަން އުއީގާ ދަރިކޮޅުގެ މީހުންނާއި އެހެން ވެސް މުސްލިމުން ވޭތުވެދިޔަ އަހަރުތަކުގައި ޒިންޖިއާންގައި ބަންދުކޮށްގެން ރޭޕް ކުރާ ކަމަށާއި، ވޭންދެނިވި އަނިޔާތަކެއް ދެމުން އަންނަ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ބުނެއެވެ. މީގެ ކުރިން އެތަނުގައި ބަންދުކޮށްފައި ތިބި މީހުން ދީފައިވާ މައުލޫމާތައް ބަލާއިރު، ގަދަކަމުން މަސައްކަތް ކުރުވުމާއި، ބަރަހަނާ ހާލުގައި އަންހެނުން ބައިތިއްބައިގެން ފިރިހެން ގާޑުން ބަލައި ފާާސްކުރާ ކަމަށާއި ބަނޑުބޮޑު ވެއްޖެނަމަ ދަރި ވައްޓާލަން މަޖުބޫރު ކުރާ ކަމަށް ބުނެފައިވެއެވެ.

އެމެރިކާ ހިމެނޭހެން ގިނަ ގައުމުތަކެއްގެ ސަރުކާރުން ވަނީ ޗައިނާއިން އިންސާނިއްޔަތު ކަމާއި ދެކޮޅު އަމަލުތަކެއް ޒިންޖިއާންގައި ހިންގާކަމަށް ބުނެފައެވެ. ނަމަވެސް، އިމްރާން ވިދާޅުވަނީ ޗައިނާއިން ނެރޭ ބަޔާންތަކުގައި އެ ތުހުމަތުތައް ދޮގު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުުން އޭނާ ވަނީ އިންޑިއާގެ ކަޝްމީރުގެ ހާލަތު ފެނި އެކަމަށް ސަމާލުކަމެއް ނުދެނީ ކީއްވެކަމާ މެދު ސުވާލު އުފައްދަވައިފައެވެ.

ޕާކިސްތާނާއި ޗައިނާ އަކީ ވިޔަފާރީގެ ގުޅުން އެތައް އަހަރެއް ވަންދެން ދަމަހައްޓާފައިވާ ދެ ގައުމެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮގްރާމުގެ ތެރެއިންވެސް ޕާކިސްތާނަށް ވަނީ ފައިދާ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު