ދުނިޔެއަށް މަޝްހޫރު އެންޓިވައިރަސް އެއް ކަމަށްވާ "މެކަފީ އެންޓިވައިރަސް" އުފެއްދި ވިޔަފާރިވެރިޔާ ޖޯން މެކަފީ ސްޕޭންގެ ޖަލެއްގައި ހުއްޓާ މަރުވެއްޖެވެ.

މެކަފީ މިދިޔަ އަހަރު ސްޕޭނުން ހައްޔަރުކުރީ އެމެރިކާގައި ޓެކްސްއަށް މަކަރު ހެދުމުގެ ކުށުގައެވެ. މެކަފީ އަކީ އެމެރިކާ ރައްޔިތެކެވެ.

އުމުރުން 75 އަހަރުގެ މެކަފީ މަރުވި ސަބަބެއް އަދި ކަރެކްޝަނަލް ސާވިސް އަކުން ހާމައެއް ނުކުރެއެވެ. އޭނާ ހައްޔަރުކޮށްފައި ހުރި ޖަލު ބަލަހައްޓާ އިދާރާގެ ތަރުޖަމާން ވިދާޅުވީ މެކަފީ މަރުވާން މެދުވެރިވި ސަބަބު ތަހްގީގު ކުރަމުންދާ ކަމަށެވެ.

މެކަފީގެ ފުރާނަ ސަލާމަތް ކުރެވޭތޯ ޖަލުގެ ގާޑުންނާއި ސިއްހީ އެހީތެރިން މަސައްކަތް ކުރިކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުކުރެވުނު ކަމަށް ކެޓަލޯނިއާ ރީޖަންގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. މެކަފީ ބަންދުކޮށްފައި ހުރީ ބާސެލޯނާ އާއި ކައިރި ސަރަހައްދެއްގައި ހުރި ޖަލެއްގައެވެ.

މެކަފީ މަރުވި ސަބަބު އަދި ޖަސްޓިސް ޑިޕާޓްމަންޓުން ހާމަނުކުރި ނަމަވެސް ބަޔާނުގައި ހުރި ވާހަކަތަކަށް ބަލާއިރު ލަފާކުރެވެނީ މެކަފީ މަރުވީ އަމިއްލައަށް ކަމުގައި "ސީއެންއެން" އިން ބުނެއެވެ.

މެކަފީ މަރުވެފައި މިވަނީ އޭނާގެ މައްސަލަ ބެލުމަށް އޭނާ އެމެރިކާ އާއި ހަވާލު ކުރެވިދާނެ ކަމަށް ސްޕޭންގެ ކޯޓަކުން ނިންމާފައި ވަނިކޮށެވެ. އެނިންމުމާއިއެކު މިހާތަނަށް އޭނާ އެމެރިކާ ސަރުކާރާއި ހަވާލުނުކުރެވި އޮތީ މައްސަލަ އިސްތިއުނާފު ކޮށްފައި ވުމުންނެވެ.

މެކަފީގެ މައްޗަށް ޓެކްސްއަށް މަކަރު ހެދުމާއި ޓެކްސް ނުދެއްކުމުގެ ތުހުމަތު އެމެރިކާ އިން ކުރެއެވެ. އެމެރިކާ އިން ބުނާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު އޭނާ އެއްވެސް ޓެކްސްއެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް ކްރިޕްޓޯކަރަންސީ އިން އޭނާ އަށް އެމުއްދަތުގައި އެތައް މިލިއަން ޑޮލަރެއް ލިބިފައި ވެއެވެ. އޭގެ އިތުރުން ކޮންސަލްޓެންސީ ދީގެންނާއި އޭނާގެ ހަޔާތާއި ގުޅޭ ޑޮކިއުމެންޓްރީއެއް ވިއްކައިގެން ވެސް އެމުއްދަތުގައި އޭނާ އަށް އެތައް މިލިއަން ޑޮލަރެއް ލިބުނެވެ.

ސްޕޭންގެ ކޯޓަކަށް މެކަފީ ހާޒިރު ކުރުމުން އޭނާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް އެމެރިކާ އިން ތުހުމަތުތަކެއް ކުރަނީ ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށް ކަމަށެވެ.

މެކަފީ އޭނާގެ ނަމުން ނަން ދީފައިވާ އެންޓިވައިރަސް އުފެއްދީ 1987 ވަނަ އަހަރު އެވެ. 1994 ވަނަ އަހަރު މެކަފީ ކުންފުނިން ޖޯން މެކަފީ އިސްތިއުފާ ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    މެކަފީ އެއީ ބްރިޓިޝް އެމެރިކަން އެއް.އޭނަ އުފަންވީ ވެސް އިނގިރޭސިވިލާތަށް.ޓެކް ދުނިޔެއަށް މިއަދަކީ ކަޅު ދުވަހެއް.

    9
    1
  2. ރަދީފް

    މެކަފީގެ މަރުގެ ވާހަކަ އިން ހަބަރަށް މަ ފޮނުވި ކޮމެންޓް ނުޖެހީ ކަލޭމެންނަށް ''މަދަހަ ސަނާ'' ކިޔާފަ ނެތިގެން ދޯ.މިހެން ނަހައްދަވާ.ފާޅުކުރާ ހިޔާލު ޕަބްލިޝްކުރަން ޖެހޭނެ.ބައެއްފަހަރު ހަބަރު ލިޔުންތެރިޔާއަށް ނޭނގޭ ކިތަންމެ މައުލޫމާތެއް ކިޔުންތެރިންނަށް ވެސް އެނގި ކޮމެންޓްގަ އެވާހަކަތައް ލިޔާނެ.ވ.ވެދުން

    15
    1
  3. ރަދީފް

    ކޮބާ ހޭ ކޮމެންޓް؟؟ މަ މިއިނީ ވަރަށް އެންގްރީ ވެފަ.ހެހެހެހެހެ

    7
    2