ކޮވިޑް-19 ހާލަތު މިހާރު އެންމެ ގޯސް ގައުމު ކަމަށްވާ ބްރެޒިލުން އިއްޔެ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ބްރެޒިލުން ވަނީ 114139 މީހުން ފައްސިވެފައެވެ. އެހެންކަމުން އިއްޔެ އަކީ ބްރެޒިލުން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ބްރެޒިލުން އިއްޔެ ކޮވިޑް ޖެހިގެން 2343 މީހުން ވަނީ މަރުވެފައެވެ. ބްރެޒިލުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 507,240 އަށް އަރާފައެވެ. އެމެރިކާ ފިޔަވައި ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ބްރެޒިލުންނެވެ.

ބްރެޒިލުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18.1 މިލިއަނަށް އަރާފައެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައި ވަނީ ބްރެޒިލުންނެވެ.

ކޮވިޑްގެ ހާލަތު ބްރެޒިލްގައި ކޮންޓްރޯލުން ނެއްޓިފައި ވާއިރު ބްރެޒިލް ރައީސް ބްލޮސޮނާރޯގެ ވިސްނުން ހުރީ "ހާޑް އިމިއުނިޓީ" ގެންނަން ކަމަށް ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އާބާދީގެ ގާތްގަނޑަކަށް %80 މީހުންނަށް ބަލި ޖެހުމުން ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި ގިނަ ބަޔަކަށް ބަލި ޖެހުމުން ބަލި ކޮންޓްރޯލް ވެދާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. ސަބަބަކީ ކޮވިޑް ދެވަނަ ފަހަރަށް ވެސް މީހުންނަށް ޖެހޭތީއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ބްރޮސޮނާރޯ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުގެންދާތީ އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ބްރެޒިލްގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ އެކި ސަރަހައްދުތަކުގައި މިހާރު ވަރުގަދަ މުޒާހަރާތަކެއް ވެސް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު