ފާއިތުވި 24 ގަޑިއިރު އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރުނު މިންވަރު 40 އިންސައްތަ އިތުރުވެ ހާލަތު ގޯސްވެއްޖެއެވެ.

މީޑިޔާ ރިޕޯޓްތަކުން ބުނާގޮތުގައި، އިނގިރޭސިވިލާތުގައި ކޮވިޑް ކޭސްތައް އިތުރުވެފައި މިވަނީ ކޮވިޑް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ނިންމަވަން އުޅުއްވަނިކޮށެވެ.

މިހާރު އިނގިރޭސިވިލާތުން ކޮވިޑްގެ އާ ވޭރިއެންޓް ކަމަށްވާ ޑެލްޓާ ޕްލަސް ވޭރިއެންޓް އައިސްފައިވާކަމަށް ޕަބްލިކް ހެލްތް އިންގްލެންޑް އިން ބުނެފައިވެއެވެ.

މިހާތަނަށް އިނގިރޭސިވިލާތުން ޑެލްޓާ ޕްލަސް ވޭރިއެންޓުގެ 41 ވޭދަނަ ވަނީ ފެނިފައެވެ.

ޑެލްޓާ ވޭރިއެންޓް ފުރަތަމަ ފެނިފައި ވަނީ އިންޑިޔާއިންނެވެ. އަދި މިހާރު ޑެލްޓާ ޕްލަސް ހަލުވިކަމާއި އެކު ފެތުރި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އިނގިރޭސިވިލާތުގައި ޑެލްޓާ ޕްލަސް ފެތުރެމުންދަނީ އެޤައުމުގެ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅިގެން ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. ބްރިސްޓަލް ޔުނިވަރސިޓީގެ ޕްރޮފެސަރ ގެބްރިއެލް ސްކޭލީ ބޭރުގެ މީޑިޔާ އަކަށް މައުލޫމާތު ދެމުން ވިދާޅުވީ އިންޓަނޭޝަނަލް ދަތުރުތަކަށް އިނގިރޭސިވިލާތު ހުޅުވާލުން އެއީ އެޤައުމުގެ ސަރުކާރުން ހެދި ގޯހެއް ކަމަށާއި އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އޭނާ ވަނީ އެދިފަ އެވެ.

ޕްރޮފެސަރ ގެބްރިއެލް ސްކޭލީ ވިދާޅުވީ މި ދަނޑިވަޅުގައި އެއްވެސް ލުުޔެއް ދިނުމަކީ ބުއްދިވެރިކަމެއްގެ ގޮތުގައި އޭނާ ނުދެކޭ ކަމަށެވެ.

އެކްޒެޓާ ޔުނިވަރސިޓީގެ ޕްރޮފެސަރަކު ވިދާޅުވީ އިނގިރޭސިވިލާތުގައި ވެކްސިން ނުޖަހާ ފަރާތްތައް ގިނަ ކަމަށާއި އޭގެ ތެރޭގައި ޒުވާނުންގެ އިންސައްތަވެސް އިތުރު ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން ލުއިތައް ދިނުން ބުއްދިވެރިކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އޭނާ ވިދާޅުވިއެެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިނގިރޭސިވިލާތުން 16,135 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު މިއީ ފެބްރުއަރީ ހަ ގެ ފަހުން އެއްދުވަސްތެރޭގައި އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. އަދި އިއްޔެ 19 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު އެޤައުމުގައި މަރުވި މީހުންގެ ޢަދަދު މިހާރު މިވަނީ 128,027 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު